ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ، ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ބައިވެރިވެވަޑައިގެންފިއެވެ. މި ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ބަންގްލަދޭޝްގެ ދާކާގައެވެ.
ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން، މިނިސްޓަރ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ވަނީ، ރައީސުލްޖުމްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާގެ ދަރިކަލުން އަދި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) ގެ ވަގުތީ ޗެއަރމަން ތާރިޤު ރަޙްމާނަށާއި ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނަށް ތަޢުޒިޔާ ރައްދުކުރައްވާފައެވެ.
މި ދަތުރުފުޅުގައި، މިނިސްޓަރ ޑޮކްޓަރ ޢަލީ ޙައިދަރު ވަނީ ޖަނާޒާގައި ބައިބެރިވެވަޑައިގަތުމަށް އެ ޤައުމަށް ޒިޔާރަތްކުރައްވަމުންގެންދެވި ނޭޕާލް، ބޫޓާން އަދި އިންޑިއާގެ ޚާރިޖީ ވަޒީރުންގެ އިތުރުން ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައި، ސަރަހައްދީ ގުޅުންތަކާއި މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ، ތިން ފަހަރެއްގެ މަތިން އެ މަޤާމު އަދާކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ