ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ވޯޓުލާގޮތް ހެދީ މަޝްވަރާނުކޮށް، އިންތިޚާބަށް ނުފޫޒު ފޯރުވަން: އެމްޑީޕީ

ހދ. ހަނިމާދުއަށް ބަދަލުކުރަން ނިންމާފައިވާ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް އަންނަ ކައުންސިލު އިންތިޚާބުގައި ވޯޓުލާ ގޮތް ހެދީ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައިވަނީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް އަންނަ އިންތިޚާބުގައި ވޯޓުލާން ޖެހޭ ގޮތަށް ހެދީ ގާނޫނާ ޚިލާފަށް ކަމަށް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. އެކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނުގައި އެމްޑީޕީން ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގަރާރެއް ނެރުއްވައި ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ވޯޓުލާން ޖެހޭ ގޮތަށް ކަނޑައަޅުއްވާފައި ވަނީ، ހިރިމަރަދޫގައި 4.1 މިލިއަން ރުފިޔާއަށް ކުނި މެނޭޖުކުރުމުގެ ނިޒާމު ގާއިމްކުރުމަށް އިއުލާނުކޮށްފައި ވަނިކޮށް ކަމަށެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިއުން އަމާޒުވުމުން، ހިރިމަރަދޫގައި ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމްކުރަނީ އެ ރަށުގައި މީހުން އުޅޭތީ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭން ކަމަށް ސަރުކާރުން ބުނިކަން އެމްޑީޕީން ފާހަގަކުރިއެވެ. "އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ ހައްގަކަށްވީ ހިނދު، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދުއަށް ބަދަލުވުމުގެ ކުރިން، އެ ފަރާތްތަކުގެ ކިބައިން އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުމުގެ ބާރު ފޭރިގަތުމަކީ މި ޕާޓީން ކުށްވެރިކުރާ ކަމެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ. https://x.com/MDPSecretariat/status/2006302433803370823 މިއަދާ ހަމައަށްވެސް ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ ކަމަށް ބުނެ، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ ކައުންސިލަށް ވޯޓުލެވޭ ގޮތް ހެދީ ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކަމަށް، އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. މި ނިންމުމުގެ ސަބަބުން ދެ ރަށު ރައްޔިތުންގެ އިންތިޚާބީ ހައްގާއި ލާމަރުކަޒީ އުސޫލުން ރަށް ހިންގުމުގެ ހައްގާއި ޑިމޮކްރެޓިކް އިންތިޚާބެއްގައި ވޯޓުލުމުގެ ހައްގަށް ބުރޫ އަރާނެ ކަމަށް އެ ޕާޓީން ބުންޏެވެ. ސަރުކާރުން އަމަލުކުރީ ގާނޫނުތަކާ ޚިލާފަށް ކަމަށް ބުނެ، އެމްޑީޕީން ގޮވައިލީ ރައީސްގެ ނިންމެވުން ބާތިލުކުރެއްވުމަށެވެ. https://sun.mv/216116 އެމްޑީޕީން މިފަދައިން ބަޔާނެއް ނެރެފައިވާއިރު، 'ސަން'އިން މިއަދު ސުވާލުކުރުމުން ހިރިމަރަދޫ ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ، ހަނިމާދޫގައި ބޯހިޔާވަހިކަން ގާއިމުކޮށް، ދޮޅު އަހަރު ދުވަހުގެ ތެރޭ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދާ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ވީ އެންމެ އަވަހަށް ހަނިމާދުއަށް ބަދަލުވާން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "މީގެ އެތައް އަހަރެއް ކުރިން ޕެޓިޝަން ހުށަހަޅައި އެތައް ސަރުކާރެއްގައި ސަލާން ޖަހަމުން ދިޔަ ކަމެއް [ރަށު ރައްޔިތުން ބަދަލުކުރުމަށް]، ރަށުގެ މީހުން [އެހެން ރަށަކަށް] ބަދަލުކޮށްދިނުން އެއްވެސް ގޮތެއް ނެތީމާ، ދެން އެ ހިސާބަށް އައިސް މި ވެރިކަމުގައި އޭގެ އަލިމަގެއް ފެނުނީ،" ވަޙީދު ވިދާޅުވިއެވެ. "އަޅުގަނޑު ގަބޫލުކުރަނީ މިހާރު އެ މަގު މި އޮތީ ތަނަވަސްވެފައޭ،" ވަޙީދު އިތުރަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސްގެ ގަރާރާ މެދު ރައްޔިތުންގެ އެންމެ ކަންބޮޑުވުމެއް ވެސް ނެތް ކަމަށާއި، ރައްޔިތުން ތިބީ އުފަލުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ