ޔާމީން ރަޝީދުގެ މަރު: ހައި ކޯޓުން މިނިވަންކުރި ހައިޝަމް އާއި ޒިހާން ޝަރީއަތް ނިމެންދެން ބަންދުކޮށްފި ޔާމީން ރަޝީދުގެ މަރު: ހައި ކޯޓުން މިނިވަންކުރި ހައިޝަމް އާއި ޒިހާން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ބްލޮގަރު ޔާމީން ރަޝީދު މަރާލި ކަމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވި ކަމަށް ކަނޑައެޅި މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްސަލަތައް އަލުން ބެލުމަށް މިއަދު އަމުރުކުރުމުން މިނިވަންވި ނަމަވެސް އަލުން އެ މީހުން ބަންދުކޮށްފި އެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރީ ހައިޝަމް އާއި ޒިހާންގެ މައްޗަށް 2022 ވަނަ އަހަރު އިއްވި ޖަލު ހުކުމް ބާތިލު ކުރުމަށެވެ.
އެ ދެ މީހުން ބަންދުކުރަން ދައުލަތުގެ ފަރާތުން އެދުނު ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރުން ނިންމެވީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެހެންވެ އެ ދެ މީހުން އޮތީ މިނިވަންވާ ގޮތަށެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި ހައި ކޯޓުގެ އަމުރަށް ފަހު އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުގައި އެދުމުން އެގޮތަށް ވަނީ އަމުރުކޮށްދީފަ އެވެ. އެހެންވެ އެ މީހުން މިނިވަނެއް ނުވެ އެވެ.
އެ ދެ މީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ ޖެނުއަރީ 19، 2022 ގަ އެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި އަނެއް ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވާކަމަށް ވެސް އެ ދުވަހު ކޯޓުން ހުކުމް ކުރި އެވެ. އެއީ، މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާނެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ހައިޝަމް އާއި ޒިހާންގެ މައްސަލަ އެ ދެ މީހުންގެ ފަރާތުން އިސްތިއުނާފު ކުރިއިރު އިސްމާއީލް ރަޝީދާއި ދިފްރާނުގެ ބައި އިސްތިއުނާފު ކުރީ ދައުލަތުގެ ފަރާތުންނެވެ. އަނެއް ދެ މީހުންގެ މައްސަލް އިސްތިއުނާފަށް ހުށަހަޅާފައި ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ