ކޯޓު އަމުރެއްގެ ދަށުން ބަންދުކުރި އައްޑޫ ސިޓީގެ ޑްރަގް ކެފޭއަކަށް ވަން ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް ބަންދުކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނީ، މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން ސ. މަރަދޫފޭދޫ، އުއްމީދުގެ 90 ދުވަހަށް ބަންދުކުރުމަށް ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް އެ ގެއަށް ވަދެ ތިއްބައި، މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އާއި ސ. މަރަދޫފޭދޫ، ފަރިވިލާ، އާއިޝަތު ސަލީމް (37އ) އެވެ. މި މަހުގެ 13 ވަނަ ދުވަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ސ.މަރަދޫފޭދޫ، އުއްމީދު ބަންދުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ، ކޯޓު އަމުރުގެ ދަށުން އެގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެއް ކަމަށެވެ. އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މާލެ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރަމުންދާއިރު، ފުލުހުން އެދިގެން އައްޑޫ ސިޓީގައި އާއި ފުވައްމުލަކުގައި ހިންގާ ޑްރަގް ކެފޭތަކެއް ބަންދުކުރުމަށް މިދިޔަ ދެ މަހުގެ ތެރޭގައި އެ ދެ ސިޓީގެ ކޯޓުތަކުން ވެސް އަމުރުކޮށްފައިވެއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތިން މަސް ތެރޭ މާލޭގެ ހަ ޑްރަގް ކެފޭއެއް ވެސް ވަނީ ބަންދުކޮށްފައެވެ.
ކޯޓު އަމުރަކުން ބަންދުކުރި ޑްރަގް ކެފޭއަކަށް ވަން ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ