އެޓްލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 16) - ފީފާ ވޯލްޑް ަ ކަޕްގެ ތިން ވަނަ ހޮވާ މެޗަކީ އެއްވެސް ބައެއް ކުޅެން ބޭނުންވާ މެޗެއް ނޫން ކަމަށް އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި، ހޮނިހިރު ދުވަހު އިންގްލެންޑުން ކުޅޭނީ ފްރާންސާ އެވެ. ފްރާންސް އިން ސެމީ ފައިނަލުގައި 2-0 އިން ސްޕެއިން އަތުން ބަލިވިއިރު، އިންގްލެންޑުން ވަނީ ރޭ ކުޅުނު ސެމީ ފައިނަލުގައި ލީޑު ނެގުމަށް ފަހު، މެޗުގެ ފަހު ވަގުތުގައި ހެދުނު ގޯސްތަކަކުން، އާޖެންޓީނާ އަތުން 2-1 އިން ބަލިވެފަ އެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
އެންތަނީ ގޯޑަންގެ ގޯލުން އިންގްލެންޑުން ލީޑުނެގި މި މެޗުގައި، އޭގެ ފަހުން، އެ ޓީމަށް ބޯޅަ ހިފަހައްޓައިގެން ކުޅެވުނީ، 12 ޕަސެންޓެވެ. ޓުޗެލް ރޭގެ މެޗުގައި ގެނައި ބަދަލުތަކުގައި ޑިފެންސަށް އިސްކަން ދީގެން ކަންކަން ކުރުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެހެން ނަމަވެސް، ޓުޗެލް ބުނެފައިވަނީ، އޭނާ އަށް ރޭގެ މެޗުގައި ނިންމުނު ނިންމުންތަކާ މެދު މާޔޫސްނުވާ ކަމަށެެވެ.
އިންގްލެންޑް އަތުން 2-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދަތުރުކޮށްފައި. މެޗުގެ ފަހުކޮޅު އެންޒޯ ފެނާންޑޭޒް އާއި ލައުޓާރޯ މާޓީނޭޒް ޖެހި ލަނޑުތަކާއެކު އާޖެންޓީނާ މޮޅުވިއިރު، ފައިނަލުގައި އެޓީމު ބައްދަލުކުރާނީ ސްޕެއިނާ.
"(ފާޑުކިޔުމަކީ) އެއްވެސް މައްސަލައެއް ނޫން. އަހަންނަށް އެނގޭ މި ވާހަކަތައް ވަރަށް ގިނަ ގޮތްގޮތަށް ދައްކާނެކަން. އަދި މިލިއަނެއްހާ ކޯޗުން އުޅޭނެކަން މެޗަށް ފަހު ކަންކަން ވަރަށް ރަނގަޅަށް އެނގޭ،" ޓުޗެލް ބުންޏެވެ.
ޓުޗެލް ބުނީ، ލީޑުނެގުމަށް ފަހު، އިންގްލެންޑުން ދެ ވަނަ ގޯލެއް ޖަހަން ބޭނުންނުވެގެން ޑިފެންސަށް ފައިބައިގެން ކުޅެން އުޅުނީ ނޫން ކަމަށެވެ. މައްސަލަ ދިމާވީ ގޯލު ޖެހިތަނާހެން، އާޖެންޓީނާގެ ގިނަ ހުރަސްތަކެއް ރަނގަޅުތަނަށް އަންނަން ފެށުމާ އެކު، ދެން އިންގްލެންޑްގެ ޑިފެންސް ތެރޭގައި އޮތް ގުޅުން ދަށްވެ، އަމިއްލަ އަށް ގޯސްތަކެއް ހެދެން ފެށުމުން ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ. އަދި، ބަދަލުތައް ގެނައީ އެކަންކަން ރަނގަޅުކުރުމަށް ކަމަށާއި އެހެން ނަމަވެސް، އިދިކޮޅަށް އޮތް ޓީމުން ދިޔައީ ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން ކަމަށްވާތީވެ، އިންގްލެންޑަށް ކުރިއަށް ނުދެވުނީ ކަމަށެވެ.
"އަމިއްލަ އަތުން މުޅި މެޗުގެ ކޮންޓްރޯލް ދިޔަ ގޮތް ގޯހީ،" ޓުޗެލް ބުންޏެވެ.
ރޭގެ މެޗުން މޮޅުވެގެން، 60 އަަހަރު ތެރޭ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފައިނަލުގައި ކުޅުމާ ގާތުގައި އޮވެފައި، އިންގްލެންޑަށް މިހާރު ޖެހިފައި މި އޮތީ، މީގެ އަށް އަހަރު ކުރިއެކޭ އެއްގޮތަށް، ސެމީ ފައިނަލުން ބަލިވެގެން، ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި ކުޅޭށެވެ. އެ ގޮތުން، ރަޝިއާގައި 2018 ވަނަ އަަހަރު ބޭއްވި ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި އިންގްލެންޑުން ވަނީ ބެލްޖިއަމް އަތުން ބަލިވެފަ އެވެ.
މި ފަހަރުގެ ތިން ވަނަ ހޮވާ މެޗުގައި، ފްރާންސާ ކުޅެން ޖެހޭއިރު، ޓުޗެލް ބުނީ، އެ މެޗުގައި ކުޅެން ހަގީގަތުގައި ދެ ޓީމުން ވެސް ބޭނުންނުވާނެ ކަމަށެވެ.
"އަަހަރެންގެ ވިސްނުމަކީ އެއީ، މި މެޗު (ތިން ވަނަ ހޮވާ މެޗު) ކުޅެން އެއްވެސް ޓީމެއް ބޭނުމެއް ނުވާނެ. އެއީ، އަސްލު މަގްސަދު ހާސިލްވުމުގެ ފުރުސަތެއް ނެތް މެޗަކަށްވާތީވެ،" ޓުޗެލް ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި އިންްގްލެންޑަށް ބޭނުންވާ މަގާމަށް ވާސިލްނުވެވުނު ކަމުގައި ވިޔަސް، ޓުޗެލް އަށް އިތުބާރު އޮތް ކަމަށް އިނގިރޭސި އެފްއޭ އިން ވަނީ ނިންމައިފަ އެވެ.
ތިން ވަނަ ހޮވާ މެޗަކީ އެއްވެސް ބައެއް ކުޅެން ބޭނުންވާ މެޗެއް ނޫން: ޓުޗެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ