އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ދިން އާ ހަމަލާތަކަށް ފަހު އަދި މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ފުޅާވެ، ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއަރާފާނެ ކަމުގެ ބިރު ބޮޑުވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ޖެހިޖެހިގެން ހަތަރު ވަނަ ދުވަހަށް މިއަދު އުފުލިއްޖެ އެވެ.
ރޮއިޓާސްއިން ބުނި ގޮތުގައި، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ފަހު، އިއްޔެ ވަނީ އީރާނުގެ އައްސޭރިފަށުގެ ދިފާއީ ނިޒާމުތަކަށާއި މިސައިލް ސައިޓްތަކަށް ހަމަލާދީފަ އެވެ.
އީރާނުން އެކަމަށް ރައްދުދީ، އެމެރިކާއާ އެކު ކުރިއަށްދަނީ އެ ގައުމުގެ "ވުޖޫދާ ގުޅިފައިވާ ހަނގުރާމައެއް" ކަމަށާއި ސަރަހައްދުގެ ހަކަތަ އެކްސްޕޯޓް ކުރުމަށް އިތުރަށް ހުރަސްއަޅާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
ބްރެންޓް ކްރޫޑްގެ އަގު 33 ސެންޓު ނުވަތަ %0.4 މަތިވެ، ފީފާއެއްގެ އަގު 85.28 ޑޮލަރަށް އެރި އިރު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ކްރޫޑްގެ އަގު ވަނީ 42 ސެންޓު ނުވަތަ %0.5 މަތިވެ، ފީފާއެއްގެ އަގު 80.02 ޑޮލަރަށް އަރައިފަ އެވެ.
މިހާރު އެ އަގުތައް ހުރީ ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި އެންމެ މަތިވި ރޭޓާ ގާތްކުރާ މިންވަރެއްގައި ކަމަށް ރޮއިޓާސްއިން ބުންޏެވެ.
މިއީ މި ހަމަނުޖެހުންތައް ފެށުމުގެ ކުރިން ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ ވިޔަފާރީގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ހުރަސްކުރާ މުހިންމު ކަނޑުގެ މަގެކެވެ.
އީރާނާއި އެމެރިކާއާ ދެމެދު މިދިޔަ ހަފުތާގައި އަލުން ހަމަލާތައް ބަދަލުކުރަން ފެށުމުގެ ސަބަބުން، މިދިޔަ ޖޫން މަހު ގާއިމުކުރި ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން މިހާރު ވަނީ ނިމުމަކަށް އައިސްފައި ކަމަށް އީރާނުން ބުންޏެވެ.
އެނަލިސްޓުން ގަބޫލުކުރާ ގޮތުގައި، ޔަމަނުގައި ތިބި އީރާނަށް ތާއީދުކުރާ ހޫތީން މެދުވެރިކޮށް، ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ނުރައްކާ ކުރާނެ ކަމުގެ އިޝާރާތެއް އީރާނުން ވަނީ ދީފަ އެވެ. މިއީ ދުނިޔޭގެ ހަކަތަ ފޯރުކޮށްދޭ އަނެއް މުހިންމު މަގު ވެސް ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ ކަމެކެވެ.
ގަލްފް ސަރަހައްދުގެ ހަކަތަ އެކްސްޕޯޓް ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައި އޮވެއްޖެ ނަމަ، މިއަހަރުގެ ފަހު ކުއާޓަރުގައި ބްރެންޓް ކްރޫޑްގެ އަގު ފީފާއެއް 110 ޑޮލަރަށް ވުރެ މައްޗަށް ހިނގައިދާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ. ނަމަވެސް މަސްރަހު ފިނިވެ، ތެޔޮ އުފައްދާ މިންވަރު އުންމީދުކުރި ވަރަށް ވުރެ އަވަހަށް ރަނގަޅުވެއްޖެ ނަމަ، އަހަރު ނިމޭއިރު ތެލުގެ އަގުތައް ފީފާއެއް 60 ޑޮލަރުގެ ރޭންޖަށް ދަށަށް ދިއުން ވެސް އެކަށީގެންވެ އެވެ.
ވިދިވިދިގެން 4 ވަނަ ދުވަހު ތެލުގެ އަގު އުފުލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ