މިދިޔަ ޖޫން މަހުގެ ފަހުކޮޅު މިޔަންމާގެ އައްސޭރިފަށުން ދެ ބޯޓެއް ބަންޑުން ޖަހާލި ކަމުގެ ރިޕޯޓްތަކެއް ލިބިފައި ވާއިރު އެ ދެ އުޅަނދުން 500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބެލެވި އދ. އިން ބުރާސްފަތި ދުވަހު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އދ. ގެ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އަދި ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރް) އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ، މިޔަންމާގެ އައްސޭރިފަށަށް، 500 އަށް ވުރެ ގިނަ މީހުން ދަތުރުކުރި ދެ ބޯޓެއް ބަންޑުން ޖަހާލާފައިވާ ކަމުގެ ރިޕޯޓްތަކެއް ލިބިފައިވާ ކަމަށެވެ.
މި ވަގުތަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ މިޔަންމާގެ ރަޚީން ސްޓޭޓުން މި ދެ ބޯޓު ފުރާފައިވަނީ ޖޫން މަހުގެ ފަހުކޮޅު އެވެ. އަދި އޭގައި ގިނައިން ތިބީ އެ ގައުމުގެ މުސްލިމް ރޮހިންޖާ ދަރިކޮޅުގެ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުންނަ، މިލިއަނަކަށް ވުރެ ގިނަ ރޮހިންޖާ ރެފިއުޖީން ދިރިއުޅޭ ބޮޑެތި ކޭމްޕުތަކުން ދިޔަ މީހުން ކަމަށްވެ ސް އެ ބަޔާނުގައިވެ އެވެ.
ގާތްގަނޑަކަށް 250 މީހުންނާ އެކު ދަތުރުކުރި ފުރަތަމަ ބޯޓު ފުރިތާ މާގިނައިރުތަކެއް ނުވަނީސް ވަނީ މުއާސަލާތީ ގުޅުން ކެނޑިފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ދެވަނަ ބޯޓު ގާތްގަނޑަކަށް 280 މީހުން ގޮވައިގެން ދަތުރުކުރިަނިކޮށް މި މަހުގެ 8 ވަނަ ދުވަހު މިޔަންމާގެ އައްސޭރިފަށަށް ފެތިފައިވާ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.
"މި ހާދިސާތަކާއި މަރުވި މީހުންގެ އަދަދު ރަސްމީކޮށް ކަށަވަރު ނުވި ނަމަވެސް، ލިބިދާނެ ބޮޑު ގެއްލުމަކާ މެދު ޔޫއެންއެޗްސީއާރް އާއި އައިއޯއެމް އިން އިންތިހާއަށް ކަންބޮޑުވެއެވެ،" ބަޔާނުގައިވެ އެވެ.
އދ. ގެ އެޖެންސީތަކުން ފާހަގަކުރި ގޮތުގައި މި ދަތުރުތައް ކޮށްފައިވަނީ އާންމުކޮށް ކަނޑުދަތުރުފަތުރު ކުރުމަށް ނުރައްކާތެރި މޫސުމެއްގަ އެވެ. އަދި މިދުވަސްވަރު ސަރަހައްދަށް ކުރަމުންދާ ގަދަ ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާ އިތުރަށް ބޮޑުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް އަންޑަމަން ކަނޑާއި ބޭ އޮފް ބެންގާލްގައި ގެއްލިފައިވާ ނުވަތަ މަރުވެފައިވާ މީހުންގެ އަދަދު 300 އަށް އަރާ ކަމަށް މީގެ ކުރިން ވެސް ރިޕޯޓްކޮށްފައިވެ އެވެ. އެހެންވެ ފަހުން ގެއްލުނު ދެ ބޯޓުން މަރުވި ނުވަތަ ގެއްލުނު މީހުންނާ އެކު މި އަދަދު ހާހަކާ ގާތްކުރާނެ އެވެ.
އަމިއްލަ ވަޒަނެއް އަދި ގެދޮރެއް ނެތި އަނިޔާ ލިބެމުންދާ ރޮހިންޖާ މީހުން ކޮންމެ އަހަރަކުވެސް ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ އުންމީދުގައި އެކި ގައުމުތަކަށް ދާން، އިންސާނުންގެ ވަގު ވިޔަފާރިކުރާ ނެޓްވޯކްތަކުގެ އުޅަނދުތަކުގައި ދަތުރުކުރެ އެވެ.
ޔޫއެންއެޗްސީއާރްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު އެކަނިވެސް އިންޑިއާ ކަނޑުގެ އުތުރުން 6,500 އަށް ވުރެ ގިނަ ރޮހިންޖާ ރެފިއުޖީން ކަނޑުމަގުން ދަތުރުކުރަން އުޅުމުގެ ތެރޭގައި 900 އެއްހާ މީހުން ވަނީ ގެއްލި ނުވަތަ މަރުވެފަ އެވެ.
ބުރާސްފަތި ދުވަހުގެ ބަޔާނުގައި ބުނެފައިވަނީ، މި ހާދިސާތަކުން ދައްކުވައިދެނީ ދިގުލާފައިވާ ހަނގުރާމަ އާއި، ގެދޮރު ގެއްލުމުގެ ސަބަބުން ލިބޭ ހިތްދަތިކަމާއި، ރޮހިންޖާގެ މުޖުތަމައުތަކަށް ދާއިމީ ހައްލެއް ނުލިބުމުގެ ނަތީޖާ ކަމަށެވެ. މިޔަންމާގެ މަސްރަހު ގޯސްވުމާއި، ބަންގްލަދޭޝްގެ ކޭމްޕުތަކުގައި އެހީތެރިކަމާއި ފުރުސަތުތައް މަދުވުމަކީ މީހުން މިފަދަ ނުރައްކާތެރި ދަތުރުތަކަށް މަޖުބޫރުވާ ސަބަބުތަކެވެ.
މިއަންމާ ބޭރުން ދެ އުޅަނދެއް ބަންޑުންޖަހާލައި 500 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ބެލެވިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ