މި އަހަރުގެ ކްލަބް މޯލްޑިވްސް ކްލަސިކުގެ ފައިނަލަށް ކްރިމިނަލް ކޯޓާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ކްލަބް ބިނާރާ ދަތުރު ކޮށްފި އެވެ.
ބިނާރާ ވަނީ ރެހެންދި ޓާފް ދަނޑުގައި ރޭ އެވްސެކްއާ ދެކޮޅަށް ކުޅުނު މެޗުން 7-4 އިން މޮޅު ވެފަ އެވެ.
މި މެޗުގައި ބިނާރާގެ އަހުމަދު ރަވާއު ހަތަރު ގޯލު ޖެހި އިރު މުހައްމަދު ޒިދާން އީސާ އާއި ޖަޒްލާން ޖައުފަރު، ކޮންމެ ކުޅުންތެރިޔަކު އެއް ގޯލު ޖެހި އެވެ. އަދި އެވްސެކް ކުލުންތެރިއެއް އަތުން ބައިކޮޅަށް ވެސް ގޯލެއް ވަދެފައިވެ އެވެ. އެވްސެކްގެ ލަނޑުތައް ޖަހައިދިނީ ތައުމީން ނޫހް އާއި އަބްދުﷲ ބައްސާމް އަދި މުހައްމަދު ނާއިލް އެވެ. ތައުމީން ވަނީ ދެ ގޯލު ޖަހައިފަ އެވެ.
މިއީ ބިނާރާ މުބާރާތުގެ ފައިނަލްގައި ޖެހިޖެހިގެން ވާދަކުރާ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލުގައި އެ ޓީމު ބަލިވީ އެޗްއެސްޕީއެން އަތުންނެވެ. އެ ޓީމު ވަނީ މި އަހަރުގެ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
ކްރިމިނަލް ކޯޓު ފައިނަލުން ޖާގަ ހޯދީ 7-2 އިން ބިޒްނަސް ސެންޓަ ކޯޕަރޭޝަންގެ ކްލަބް ބީސީސީ ބަލި ކޮށްގެންނެވެ.
މި މެޗުގައި ކްރިމިނަލް ކޯޓުގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ޝަފްރާޒާއި ޔައިޝް މުސްތަފާ އާއި މުހައްމަދު ހައްސާން އަހުމަދުގެ އިތުރުން މުސްލިމް މުހައްމަދާއި އަލީ ޝާޒް ހިލްމީ އެވެ. ހައްސާން އާއި ޝާޒް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ބީސީސީގެ ލަނޑުތައް ޖަހައިދިނީ ސާމީ އަބްދުއްރަހްމާނާއި މުހައްމަދު އީމާން އަހުމަދެވެ.
ކްރިމިނަލް ކޯޓް ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި ސެމީ ފައިނަލްގައި ބިނާރާއާ ދެކޮޅަށް ކުޅެ 9-3 އިން ބަލި ވެފަ އެވެ.
ބިނާރާ އާއި ކްރިމިނަލް ކޯޓް ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ ހުކުރު ދުވަހުގެ ރޭ 9 ޖަހާއިރެވެ.
ކްލަބް މޯލްޑިވްސް ކްލަސިކްގެ ފައިނަލަށް ކްރިމިނަލް ކޯޓާއި ބިނާރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ