މެދުއިރުމަތީގައި އަލުން ހަނގުރާމަ ވަރުގަދަވަމުން ދާއިރު، ސައުދީ އަރަބިއްޔާގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް 1.96 ބިލިއަން ޑޮލަރުގެ ހަތިޔާރު ސައޫދީ އަރަބިއްޔާއަށް ވިއްކުމަށް ހުއްދަ ދީފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުދަ ދުވަހު ބުނެފި އެވެ.
"މި ހުއްދައިގެ ސަބަބުން ގަލްފު ސަރަހައްދުގެ ސިޔާސީ ހަމަޖެހުމާއި އިގްތިސާދީ ކުރިއެރުމަށް މަސައްކަތްކުރާ، ނޭޓޯގައި ނުހިމެނޭ އެމެރިކާގެ މުހިންމު ބައިވެރިއެއްގެ ސަލާމަތީ ކަންކަން ރަނގަޅުވެ، އެމެރިކާގެ ހާރިޖީ ސިޔާސަތާއި ގައުމީ ސަލާމަތުގެ މަގްސަދުތަކަށް ބާރުލިބޭނެ،" ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައިވެ އެވެ.
ސައޫދީ އަރަބިއްޔާއިން ގަތުމަށް އެދިފައިވާ ހަތިޔާރުގެ ތެރޭގައި 20,000 އާ ހަމައަށް 'އެޑްވާންސްޑް ޕްރެސިޝަން ކިލް ވެޕަން ސިސްޓަމްސް' އާއި އޭގެ ވޯހެޑްތައް ހިމެނެ އެވެ. އެމެރިކާގެ ނޭވީ ވެބްސައިޓުގައިވާ ގޮތުން މިއީ ކައިރިން ދޭ ހަމަލާތަކުގައި ގެއްލުންތައް ކުޑަކޮށް، ކުޑަ ހަރަދަކުން އަމާޒުތައް ހަލާކުކޮށްލުމަށް ބޭނުންކުރާ ނިޒާމެކެވެ.
މި މަޝްރޫއުގެ މައިގަނޑު ކޮންޓްރެކްޓަރަކީ ނިއު ޖާޒީގެ ނާޝުއާގައި ހުންނަ ބީއޭއީ ސިސްޓަމްސް އެވެ.
"މި ހަތިޔާރުތައް ވިއްކުމުގެ ސަބަބުން އެމެރިކާގެ ދިފާއީ ތައްޔާރީތަކަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ،" ސްޓޭޓް ޑިޕާޓްމަންޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި ނިންމުން އައިސްފައިވަނީ، ހޯމަ ދުވަހު ޔަމަނުގެ ހޫތީން ސައުދީގެ ދެކުނުގެ ރަށެއް ކަމަށްވާ އަބްހާގެ އެއާޕޯޓަށް މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެން، ސައުދީ އާއި ހޫތީންގެ މެދުގައި އަލުން ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ހޫތީން މި ހަމަލާ ދިނީ، އީރާނުގެ ރޫހީ އަދި ދީނީ އިސް ލީޑަރު އަލީ ޚާމަނާއީގެ ޖަނާޒާއަށްފަހު ހޫތީންގެ ވަފުދަކާ އެކު ދަތުރުކުރި ފްލައިޓެއްގެ މިސްރާބު ބަދަލުކުރުމަށް، ޔަމަނުގެ ސަރުކާރުން ސަންއާ އެއާޕޯޓަށް ހަމަލާދިނުމާ ގުޅިގެންނެވެ. ހޫތީން މި ހަމަލާގެ ޒިންމާ އެޅުވީ ސައޫދީގެ ބޮލުގަ އެވެ.
މީގެ އިތުރުން އީރާނާއި އެމެރިކާގެ ކުރިމަތިލުން އިތުރުވެ އެމެރިކާއިން އަލުން ވަނީ އީރާންގެ ބަނދަރުތައް ވެސް ބަންދުކޮށްފަ އެވެ. -- އޭއެފްޕީ
އެމެރިކާއިން ސައޫދީއަށް ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ