ދޮންބޭޒް ކުންފުންޏަށް ފައިސާ ދިން މަޝްރޫއުތައް ނުނިމޭތީ ފިޔަވަޅުއަޅަނީ

ކުރީގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދުގެ ކުންފުނި، ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ހައުސިންގ މަޝްރޫއުތަކަށް އެޑްވާންސް ފައިސާ ދޫކޮށްފައިވީ ނަމަވެސް، މަސައްކަތް ކުރިއަށް ނުދާތީ އެ ކުންފުންޏާ މެދު ފިޔަވަޅުއަޅަން ފަށާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު މުއްތަލިބު ވިދާޅުވީ، ދޮންބޭޒް ކުންފުންޏާ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށް، އެޑްވާންސްގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާ ދައުލަތުން ދޫކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުޅުދުއްފުށީގެ އިތުރުން، ހަނިމާދޫއާއި ގއ. ވިލިނގިއްޔާއި ޅ. ހިންނަވަރުގައި ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގަން ދޫކުރި ފައިސާ ހިމެނެއެވެ.
"އަޅުގަނޑުމެން މިހުށަހެޅީ އެޑްވާންސް ޕޭމެންޓް ގެެރެންޓީ. އެވެސް މިއޮތީ އެއިރުގެ ސަރުކާރުން އެކްސެޕްޓްކޮށްފައި އޮތީ ކޮންޑިޝަނަލް ބޮންޑެއް. އަޅުގަނޑުމެން އޭތި ހޯދަން އިންޝުއަރެންސް ކުންފުންޏަށް ފޮނުވުމުން އެބައޮތް ނުލިބޭނެކަމަށް ބުނެފައި. އެހެންވީމާ ހަގީގަތުގައި އަޅުގަނޑަށް ނޭނގޭ އެ އެޑްވާންސް ރިކަވާކުރާނީ ކިހިނެއްކަން،" މުއްތަލިބު ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ އަތޮޅު ތެރޭގައި ގެދޮރު ބިނާކުރުމުގެ ހަ މަޝްރޫއެއް ހަވާލުކުރިއެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގު 705 މިލިއަން ރުފިޔާއަށް އަރާއިރު، 2023 ވަނަ އަހަރު އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، މީގެ ތެރެއިން އެންމެ މަޝްރޫއެއް ފިޔަވައި އެހެން އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް އެ ކުންފުންޏަށް ނިންމާލެވިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ