ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައި 12،000 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން މިއަދު ބުނެފި އެވެ.
"ސަރުކާރު" ވެބްސައިޓުގައި ހޯމް މިނިސްޓްރީން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 12،552 މީހަކު އަނބުރާ ފޮނުވާލާފައިވާއިރު އެ މީހުންނަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަހަރުގެ ޖޫން 13، ގެ ނިޔަލަށް އަނބުރާ ގައުމަށް ފޮނުވާލި މީހުން ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ އަނބުރާ ފޮނުވާލާފައިވާ މީހުންގެ ތެރޭގައި ޑީޕޯޓުކޮށްފައިވާ މީހުންނާއި އެ ނޫން ވެސް ގޮތްގޮތަށް ފޮނުވާލާފައިވާ މީހުން ހިމެނޭ ކަމަށެވެ. އަދި ޑީޕޯޓުކުރި މީހުންގެ ތެރޭގައި ހިމެނެނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ މީހުން ހިމެނޭއިރު ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ތިބި ކަމަށް ވެސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކާ ހަވާލާދީ މިނިސްޓްރީން ބުންޏެވެެ.
މިނިސްޓްރީން ބުނި ގޮތުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ. އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކައަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި އަންނަ އަހަރުން ފެށިގެން، އެއްވެސް ގޮތަކަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެ ނަމަ، އިތުރު ފުރުސަތެއް ނުދީ ޑީޕޯޓުކުރާނެ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ވެސް ކުރިއަށް ދާނެ ކަމަށެވެ. އަދި ވިޔަފާރިތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ، މުއްދަތު ހަމަވުމުގެ ކުރިން ދެއްކުމަށް ބާރު އެޅުމުގެ ގޮތުން އެ ފަރާތްތަކަށް އެކަން އަންގައިދީފައިވާ ކަމަށާއި މިހާރު ވޯކް ޕާމިޓް ފީ ނުދެއްކި ތިބި މީހުން ވެސް ހިމެނޭ ގޮތަށް، ވޯކް ޕާމިޓް ފީ ދައްކާ މީހުންނަށް ލުއި ފަސޭހަ އިންތިޒާމުތަކެއް އެ ފޭސްގެ ތެރެއިން ލިބޭނެ ކަމަށް ބުންޏެވެ.
ސަރުކާރުގެ މާސް ލީގަލައިޒޭޝަން ޕްރޮގްރާމުގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް މީހުންނާއި ހުއްދައިގެ މުއްދަތު ހަމަވެފައިވާ މީހުންނާއި ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް ވެސް ގާނޫނާ ގަވާއިދުގެ ތެރެއިން ރާއްޖޭގައި އުޅުމަށް ފުރުސަތު ދިނެވެ.
ގަވާއިދާ ހިލާފަށް އުޅުނު 12،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ފޮނުވާލާފައި: ހޯމް މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ