96 މަސާޖް ޕާލާ ބަންދުކޮށްފި
މި މަހުގެ ނުވަ ވަނަ ދުވަހު ފެށި އޮޕަރޭޝަންގެ ތެރެއިން 22 ދުވަސް ތެރޭ 96 މަސާޖް ޕާލާ ބަންދުކޮށްފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.މަސާޖުޕާލާތަކުގެ ނަމުގައި މާލޭގައި ތަންތަން ހިންގާއިރު އެއީ ހަށިވިއްކުމަށް ހިންގާ ވިިޔަފާރިތަކެއް ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި އެ ގޮތަށް ފާހަގަވާ ގޮތަށް އިޝްތިހާރުކޮށް، ބިދޭސީން ފާޅުގައި ދަނީ ބޮޑު އާމްދަނީއެއް ހޯދަމުންނެވެ.އެ ތަންތަން ރަޖިސްޓަރީ ކޮށްފައި ހުންނަނީ ދިވެހިންގެ ނަމުގައި ކަމަށް ވިޔަސް ހުރިހާ ބާރެއް ބިދޭސީންނަށް ދޫކޮށް، މާލޭގެ އެކި އެޕާޓުމަންޓުތައް ހިފައިގެން "ހަށިވިއްކާ" މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ ބިދޭސީން ގެންދަނީ އެ މީހުންގެ އަމިއްލަ ފޮޓޯ އާއި މޮބައިލް ނަމްބަރު ވެސް ސޯޝަލް މީޑިއާގައި ފަތުރައި، އިޝްތިހާރު ކުރަމުންނެވެ.ރައީސް ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް ޑިސެންބަރު ނުވައެއްގައި ފެށި އޮޕަރޭޝަން ގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ބަންދުކުރެވިފައިވާ ކަމަށެވެ.މިފަދަ ތަންތަން ހިނގަމުންދަނީ މިފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުންކަމީ ހިތާމަޔާ އެކީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ