އެމްބަސީތަކަށް ކުރާ ޚަރަދު 54 މިލިއަނަށް އިތުރުވެ، އަސާސީ މުސާރައަށް އެކަނި 2.3 މިލިއަން
ދައުލަތުން އެމްބަސީތަކާއި ހައިކޮމިޝަންތަކަށް ކުރާ ޚަރަދު މަހަކަށް 54 މިލިއަން ރުފިޔާއަށް އިތުރުވެ، އޭގެ ތެރޭގައި އަސާސީ މުސާރައަށް ކުރާ ޚަރަދު އެކަނި 2.3 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެމްބަސީތަކުގައި ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވަމުން އަންނަކަމަށް ސަރުކާރާ ވާދަވެރި ބޭފުޅުން ތުހުމަތުކުރައްވައެވެ. އަދި ސަރުކާރުގެ އިސް ބޭފުޅުންގެ އާއިލީ ބޭފުޅުންނަށް އެމްބަސީތަކުން މަގާމުތައް ދޭކަމުގެ ތުހުމަތު ވެސް އިދިކޮޅު ފަރާތްތަކުން ކުރެއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ސަން"އިން މިދިޔަ އަހަރު، އެމްބަސީތަކަށް ކުރާ ޚަރަދުގެ ތަފުސީލަށް އެދުމުން ފޮރިން މިނިސްޓްރީން އޭރު ވަނީ، 2024 ވަނަ އަހަރުގެ އޮކްޓޯބަރު އެކަކުން، މިދިޔަ އަހަރުގެ ޖެނުއަރީ 31ގެ ނިޔަލަށް ހިނގި ޚަރަދުތައް ހިއްސާކޮށްފައެވެ. އޭރު މިނިސްޓްރީން ބުނެފައިވަނީ، ބޭރު ގައުމުތަކުގައި ގާއިމްކޮށްފައިވާ ޖުމްލަ 21 މިޝަނަކަށް މަހަކު އެވްރެޖުކޮށް 32 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. https://sun.mv/212539 މިދިޔަ މަހު "ސަން"އިން އަނެއްކާވެސް ވަނީ، މި ސަރުކާރު ހަވާލުވިފަހުން، ބޭރު ގައުމުތަކުގައި ހުރި އެމްބަސީތަކާއި ހައިކޮމިޝަންތަކާއި އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދާއި މަގާމުތަކުގެ ތަފުސީލު، މަހެއްގެ މައްޗަށް ޖެހޭ މުސާރައާއެކު ހާމަކުރަން އެދިފައެވެ. އެ ސުވާލަށް ދިން ޖަވާބުގައި ފޮރިން މިނިސްޓްރީން ބުނެފައިވަނީ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31ގެ ނިޔަލަށް ބަލާއިރު، އެމްބަސީތަކަށް ކުރާ ޚަރަދު މަހަކަށް 54 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން، އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ މުވައްޒަފުންގެ އަސާސީ މުސާރައަށް އެކަނި 2.35 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. އަސާސީ މުސާރަ އެންމެ ބޮޑީ ހަތަރު ސަފީރެއްގެއެވެ. އެއީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފް (މުންދު) އާއި އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު އަދި ކުރީގެ ޔޫތު މިނިސްޓަރު ޑރ. އިރުތިޝާމް އާދަމާއި ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށެވެ. އެ ބޭފުޅުންގެ އަސާސީ މުސާރައަކީ 42،500 ރުފިޔާއެވެ. ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖްކަމުގެ މަގާމަށް މުޙައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަންކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް އޭގެ ތެރެއިން، އިދިކޮޅު އެމްޑީޕީން މިދިޔަ އަހަރު ތެރޭގައި ވަކިވެ ޕީއެންސީއާ ގުޅިވަޑައިގަތް މަހުލޫފު، ސަފީރު ކަމަށް އައްޔަންކުރީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ. އެހެން ސަފީރުންނާއި ހައިކޮމިޝަނަރުގެ މުސާރަ އާންމު ގޮތެއްގައި ހުރީ 29،500 ރުފިޔާގައި ކަމަށްވާއިރު، ޑެޕިއުޓީންނާއި ސްޕެޝަލް ކޮންސުލްގެ މަގާމުތަކަށް އަސާސީ މުސާރައަކީ 18،000 ރުފިޔާއެވެ. ފޮރިން މިނިސްޓްރީން ހިއްސާކުރި ތަފާސްހިސާބުގައިވާ ގޮތުން، އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 82އަށް އަރާއިރު، އެ މުވައްޒަފުންގެ އަސާސީ މުސާރައަށް މަހަކު 1.85 މިލިއަން ރުފިޔާ ޚަރަދު ކުރެއެވެ. ރާއްޖޭން ބޭރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް، މަގާމާއި އެ ގައުމެއްގެ ދިރިއުޅުމުގެ ޚަރަދަށް ބަލައި، އިނާޔަތްތައް ދެއެވެ. އޭގެ ތެރޭގައި ލިވިން އެލަވަންސްއާއި އާއިލީ އެލަވަންސް ހިމެނެއެވެ. އެގޮތުން އާއިލީ އެލަވަންސް ދެނީ އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއާއި ގިނަ ވެގެން ދެ ދަރިންނަށެވެ. މީގެ އިތުރުން، އެ މުވައްޒަފެއްގެ ދަރިންގެ ތައުލީމަށް ވެސް އިނާޔަތްތައް ކަނޑައަޅައިފައިވެއެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުން އިނާޔަތްތައް އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޖަޕާނާއި ސްވިޒަލޭންޑް ހިމެނެއެވެ. އެގޮތުން ޖަޕާނުގެ ސަފީރާއި ސްވިޒަލޭންޑްގެ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްއަށް ލިވިން އެލަވަންސްގެ ގޮތުގައި މަހަކަށް 52،000އަށް ވުރެ ގިނަ ރުފިޔާ ލިބެއެވެ. މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު، ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އާއި 3،000 އާ ދެމެދުގައި އުޅޭނެ ކަމަށް އިދިކޮޅުން ބުނާއިރު، އަދަދުތައް ރަސްމީކޮށް ހާމަނުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. https://sun.mv/215795 އެ މައްސަލައިގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރައީސް އޮފީހުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދުތަކެއް ހާމަކޮށްފައެވެ. އެ މައުލޫމާތުގައިވާ ގޮތުން އޭރު ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދަކީ 992އެވެ. އެހެންނަމަވެސް، ދައުލަތުން މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިތުރުވެފައިވާއިރު، ސަރުކާރުން ހާމަކުރި ނަންބަރުތަކާ ދިމާނުވާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ