ސަރުކާރާއި އިދިކޮޅު ޕާޓީއެއް ހަގީގަތުގައި މިހާރު ނެތް ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ތިނަދޫ ސިޓީގެ މާލެ ކެމްޕެއިން އޮފީސް އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީތަކުން ކެންޑިޑެންސީ ހުށަހެޅި އަދަދަށް ބަލާއިރު އެކަން ވަރަށް ރަނގަޅަށް ސާބިތުވާ ކަމަށެވެ. އެގޮތުން އިދިކޮޅު އެންމެ ބޮޑު ޕާޓީކަމަށް ވަކާލާތުކުރާ އެމްޑީޕީން މި އިންތިހާބުގައި ވާދަނުކުރާ 450 ގޮނޑި އެބައޮތް ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ މިއީ ރައްޔިތުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން 1352 ގޮނޑީގެ ތެރެއިން 450 ވަރަކަށް ގޮނޑިއަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ނުލިބުނު ކަމަށް ފަލާހު ވިދާޅުވިއެވެ.
”މިހާރުވެސް ބަލިވެއްޖެ ނޫންތޯ؟ އެއީ ޕަސެންޓޭޖަށް ބަލައިފިކަމަށް ވަންޏާމުން ގާތްގަނޑަކަށް %30 އަކަށް ގޮނޑިއަށް ވާދަނުކޮށް އެމްޑީޕީން މިއޮތީ. މިވަރުންވެސް ދިވެހި ރައްޔިތުންނަށް، އެމްޑީޕީއަށް ވިސްނެން އެބަޖެހޭ އެމްޑީޕީގެ ތާއީދު ދިވެހިރާއްޖޭގައި ދަށަށް ގޮސް އޮތް ވަރު.“ ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ދެން ހުރި ސިޔާސީ ޕާޓީތަކަށް ބަލާއިރު، އެ ޕާޓީތަކުން ވާދަކޮށްފައި ހުރީ ހަތަރެއް ނުވަތަ ފަސް ވަރަކަށް ގޮނޑިއަށް ކަމުން އެ ޕާޓީތަކުގެ ވާހަކަ ނުދައްކަވާނެ ކަމަށެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ ޒިންމާދާރު މަސައްކަތްތަކެއް ކުރާ އިދިކޮޅު ސިޔާސީ ޕާޓީތައް އޮންނަން ޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. ނަމަވެސް އެމްޑީޕީއަށް މިއަދު ދިމާވެފައިވާ ހާލަތަކީ، 2008 އިން ފެށިގެން ރާއްޖޭގެ އިޖްތިމާއީ ފޭރާމާއި އިގްތިސާދާއި، ރާއްޖޭގެ މުޖުތަމައުއާއި، ދައުލަތަށް ދީފައި ހުރި ގެއްލުންތަކާއި، އެ ފަރާތްތަކުގެ ދޮގު ވާހަކަތައް ތަކުރާރުކުރަމުން މިއަދާއި ހަމައަށް އައި އައުމުން އެމްޑީޕީއަށް ވަނީ ރައްޔިތުންގެ ތާއީދު ގެއްލިފައި ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީ ނަގާ ދެން ކޮޅަށް ނުޖެހޭނެ ކަމަށާއި، އެ ޕާޓީއަށް ދެން އެންމެ ރަނގަޅުވާނީ އައު ސިޔާސީ ޕާޓީއެއް އުފެއްދުން ކަމަށެވެ. އެގޮތުން ފަލާހުވަނީ އިތުރަށް ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދަން ބޭނުންވާނަމަ އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް އެމްޑީޕީގެ ލީޑަރުންނަށް ގޮވާލައްވާފައެވެ.
އިދިކޮޅު ޕާޓީއެއް މިހާރަކު ނެތް، އެމްޑީޕީއަށް ދެން އެންމެ ރަނގަޅުވާނީ އައު ސިޔާސީ ޕާޓީއެއް އުފެއްދުން: ފަލާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ