ތަރައްގީގެ ހަރުފަތުން ހޯރަފުށި ކައްސާލުން!
ނިމުނު މަޖިލިސް އިންތިހާބު ދުވަސްވަރު ހޯރަފުށި ދާއިރާއިން އިވުނީ ސަރުކާރުން ދައްކާ މީހާއަށް ވޯޓު ދިނުމުން ދާއިރާ ތަރައްގީ ވާނެ ވާހަކަ އެވެ. ރަށަށް އުންމީދާއި ދިރުން ލިބޭނެ ވާހަކަ އެވެ. ސަރުކާރުން ދައްކާ މީހާ ހޮވުމުން ކަންކަންވާ ފަސޭހަ ވާނެ ވާހަކަ އެވެ. ރައްޔިތުންގެ އަޑު އިއްވަން ފަސޭހަ ވާނެ ވާހަކަ އެވެ.މިވާހަކަ މިހެން ދެކެވުނު އެއް ސަބަބަކީ ހޯރަފުށި ދާއިރާއިން ކުރިން ދެއްކި ސިޔާސީ ހަގީގަތެވެ. ސަރުކާރުން ދެއްކި މީހުން ހޮވުމުން ހޯރަފުށި ދާއިރާ އަށް ކުރިން ވަނީ ލައްކަ ތަރައްގީއާއި ދިރުން ލިބިފަ އެވެ. އެގޮތުން މަޖިލިސް އިންތިހާބުތަކުގައި ސަރުކާރު ފަޅިން ދެއްކި ކެންޑިޓޭޑުން ކަމުގައިވާ އަހުމަދާއި މުހައްމަދާއި ސަލީމް ހޮވުމުން ހޯރަފުށި ދާއިރާ އަށް ސަރުކާރުން ދިން ސަމާލުކަން މިއަދު ހޯރަފުށިން އެހުރީ ފެންނާށެވެ.މި ހަގީގަތުގެ މައްޗަށް ބަލައިގެން 20 ވަނަ މަޖިލީހަށް ވެސް ހޯރަފުށީ ދާއިރާ އަށް ރައްޔިތުން ވޯޓުދީ އިންތިހާބު ކުރީ "ސަރުކާރުން" ދެއްކި މީހާ އެވެ. ނަމަވެސް މިއަދު ހާލަތު ބަދަލު ވެއްޖެ އެވެ. ކުރިން ފެނުނު ސަރުކާރު މީހާގެ މޮޅެއް ދާއިރާއިން ނުފެނުނެވެ. ދާއިރާގެ އަޑު ކެޑިއްޖެ އެވެ. އެއާ ހިލާފަށް ގަދަވީ ތަރައްގީ ހުއްޓިއްޖެ އަޑެވެ. އުމްރާނީ ތަރައްގީގެ މަސައްކަތްތައް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ހޯރަފުށީގައި ކޮންސްޓްރަކްޝަން ދާއިރާ ދިޔައީ ދަށަށެވެ. ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރާއިއެކު ހޯރަފުށީ ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ. ރައްޔިތުން މިއަދު ކުރާ ސުވާލަކީ ސަރުކާރު ފަޅިން ހޮވިގެން ތަރައްގީގެ އަޑު މަޑުވީ ކީއްވެ ހެއްޔެވެ..؟ ކުރިން ދާއިރާގެ ތަރައްގީގައި ސަރުކާރު އެމްޕީ ދެއްކި ހިއްވަރާ ފަންވަރު މި ހާރު ނުފެންނަނީ ކީއްވެ ހެއްޔެވެ؟ ސަރުކާރު ލެންސުން ހޯރަފުށި ދާއިރާގެ ތަރައްގީ "ކައްސާލީ" ކީއްވެ ހެއްޔެވެ.؟ މި ސުވާލުތަކުގެ ޖަވާބު ހޯދަން ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ