ގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް އަވަހާރަކޮށްލައިފި

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ، ހަތަރު މީހެއްގެ ގުރޫޕަކުން ދިން ހަމަލާއެއްގައި އަވަހާރަކޮށްލާފައިވާ ކަމަށް ގައްޒާފީގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ މަސްދަރަކުން އަންގާރަ ދުވަހު އަލް އަރަބިއްޔާ ނިއުސްއަށް މައުލޫމާތު ދީފި އެވެ.އުމުރުން 53 އަހަރުގެ ސައިފުލް އިސްލާމް އަވަހާރަކޮށްލާފައި ވަނީ ލީބިޔާގެ ވެރިރަށް ޓްރިޕޮލީއާ 136 ކިލޯމީޓަރު (85 މޭލު) ދުރުގައި އޮންނަ ޒިންތާން ނަމަކަށް ކިޔާ ރަށެއްގަ އެވެ.މިޖަރީމާ ހިންގީ ރޭގެ ވަގުތެއްގައި ކަމަށާއި ޖަރީމާ ހިންގުމުގެ ކުރިން އެގޭގެ ބޭރުގައި ހުރި ސެކިއުރިޓީ ކެމެރާތައް ވަނީ ބޭނުންނުކުރެވޭ ގޮތްހަދާފައި ކަމަށް ސައިފުލްއިސްލާމްގެ ކަންތައްތައް ބަލަހައްޓާ އޭނާގެ ސިޔާސީ ޓީމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.މި ބަޔާނުގައި ސައިފުލް އިސްލާމް އަވަހާރަކޮށްލީ އޭނާ އާ ސިޔާސީ ގޮތުން ދުޝްމަން ބައެއް ފަހަތުގައި ތިބެގެންކަމަށްވަނީ ތުހުމަތުކޮށްފައެވެ. މިޖަރީމާ ހިންގި ކޮމާންޑޯޒްގެ ހަތަރު މީހުން ތިބީ މޫނު ނިވައިކޮށްގެން ކަމަށްވެއެވެ.ސެކިއުރިޓީ ކެމެރާތައް ނިއްވާލުމަށްފަހު މޫނު ނިވައިކޮށްގެން މި ޖަރީމާ ހިންގީ މިކަންކުރިމީހުންގެ ހަގީގަތް ފޮރުވުމަށް ކަމަށާއި މިއީ ވަރަށް ފިނޑި އަމަލެއްގެ ކަމަށް ސައިފުލްއިސްލާމްގެ ސިޔާސީ ޓީމުގެ ބަޔާނުގައި ވަނީ ސިފަކޮށްފަ އެވެ.ސައިފުލް އިސްލާމަކީ އޭނާގެ ބައްޕާފުޅު މުއައްމަރުލް ގައްޒާފީގެ ފަހުން ލީބިޔާގެ ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރި ބޭފުޅެކެވެ. އެމަނިކުފާނު ވަނީ 2021 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހުނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފަ އެވެ. ނަމަވެސް އެ އިންތިޚާބު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ