އަސްކަރިއްޔާއިން ހެލިކޮޕްޓަރާއި ޑްރޯން ބޭނުންކޮށްގެން ބަލޮޗިސްތާންގެ ކޮންޓްރޯލް ހޯދައިފި

ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު މިދިޔަ ތިން ދުވަހު ހިނގި ވަރުގަދަ ކުރިމަތިލުންތަކަށް ފަހު، އެ ސަރަހައްދުތަކުގެ ކޮންޓްރޯލް ސަރުކާރުން އަލުން ހޯދައިފި އެވެ.
މި ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ބަލޮޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިންނެވެ.
އެ ޖަމާއަތުން ހޮނިހިރު ދުވަހު ބަލޮޗިސްތާނުގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، ޕާކިސްތާނުގެ އެންމެ ބޮޑު ޕްރޮވިންސްގެ އާންމު ދިރިއުޅުން ވަނީ މެދުކެނޑިފަ އެވެ. ފުލުހުން ހާމަކުރި ގޮތުގައި، 12އަށް ވުރެ ގިނަ ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކުގައި 197 އަށް ވުރެ ގިނަ ހަނގުރާމަވެރިން ވަނީ މަރާލާފަ އެވެ.
ސަހަރާ ސަރަހައްދެއް ކަމަށްވާ ނުޝްކީގައި ހަނގުރާމަވެރިން ފުލުހުންގެ މަރުކަޒަކާއި ސަލާމަތީ ބާރުތަކުގެ އެހެނިހެން އިދާރާތަކެއްގެ ކޮންޓްރޯލް އަތުލުމާ ގުޅިގެން، ދިގުދެމިގެންދިޔަ ކުރިމަތިލުންތަކެއް ހިނގި އެވެ. ސަލާމަތީ ބާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ސަރަހައްދަށް އިތުރު ސިފައިން ފޮނުވައި ޑްރޯން އާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ދިން ހަމަލާތަކަށް ފަހު، ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އެ ތަނުގެ ކޮންޓްރޯލް ވަނީ އަލުން ހޯދާފަ އެވެ. މި ކުރިމަތިލުންތަކުގައި ފުލުހުންގެ ހަތް އޮފިސަރަކު މަރުވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބީއެލްއޭ އިން ވަނީ ސްކޫލްތަކާއި ބޭންކުތަކާއި މާރުކޭޓުތަކުގެ އިތުރުން ސަލާމަތީ ބާރުތަކުގެ މަރުކަޒުތަކަށް ވަދެގަނެފަ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ހަމަލާތަކުގައި ސަލާމަތީ ބާރުތަކުގެ 22 މީހުންނާއި މަދުވެގެން 36 އާންމުން ވަނީ މަރުވެފަ އެވެ.
ސަލާމަތީ ބާރުތަކުން ބުނާ ގޮތުގައި، މި ހަމަލާތައް ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ނުޝްކީ އަދި ޕާސްނީ ބަނދަރު ހިމެނޭ ސަރަހައްދުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާތަކަކުންނެވެ. އޭގެ ފަހުން އިތުރު 11 ސަރަހައްދަކަށް ބަޑި އާއި ގްރެނޭޑުން ހަމަލާދީފައިވެ އެވެ. ހަނގުރާމަވެރިން ވަނީ ސަރުކާރުގެ ބައެއް އިދާރާތައް ވަގުތީ ގޮތުން ހިސޯރުކޮށް، ޗީފް މިނިސްޓަރުގެ އޮފީހާ ގާތްގަނޑަކަށް 1 ކިލޯމީޓަރު ކައިރިއަށް ފޯރާފަ އެވެ.
ބީއެލްއޭ އިން ދައުވާކުރާ ގޮތުގައި، މި ހަމަލާތަކުގައި ސިފައިންގެ 280 މީހުން މަރާލާފައިވެ އެވެ. ނަމަވެސް ސަރުކާރުން މިކަން ދޮގުކުރެ އެވެ.
އީރާނާއި އަފްގާނިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ބަލޮޗިސްތާނަކީ، އެ ސަރަހައްދުގެ މިނިވަންކަމަށާއި ގުދުރަތީ ވަސީލަތްތަކުގެ ފައިދާ އެ ސަރަހައްދުގެ ރައްޔިތުންނަށް ހޯދައިދިނުމަށް ވަކާލާތުކުރާ ބަލޮޗް ހަނގުރާމަވެރި ޖަމާއަތްތަކުން އެތައް އަހަރެއް ވަންދެން ހަމަލާދެމުންދާ ސަރަހައްދެކެވެ. މީގެ އިތުރުން، އެ ސަރަހައްދަކީ ޗައިނާގެ އެހީގައި ތަރައްގީކުރާ ގުވާދަރު ބަނދަރު ފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށްދާ މުހިންމު ސަރަހައްދެއް ވެސްމެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ