ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވީ ބޯޑުން އިއްޔެ ފާސްކުރި ގޮތަށް ބޮންޑު ގަތުމާއި ވިއްކުމުގެ މުއާމަލާތް ހިންގަން ލިޔުމުގައި ސޮއިކުރަން ދެކޮޅު ހެދުމަށް ފަހު ކަމަށް އަދަދު އަށް މައުލޫމާތު ލިބިއްޖެ އެވެ.
ނަން ނުޖަހާ ގޮތަށް މި ނޫހަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނި ގޮތުގައި ބޯޑުން ބޭނުންވީ މިއަދުންމިއަދަށް މި މުއާމަލާތައިގެން ކުރިއަށްދާށެވެ. ނަމަވެސް ސުޖާތާ ވަނީ ޕެންޝަން އޮފީހުގެ އިސްވެރިޔާގެ ހައިސިއްޔަތުން އެ ލިޔުމުގައި ސޮއިކުރަން އިންކާރުކޮށްފައި ކަމަށް މައުލޫމާތު ދިން މީހުން ބުންޏެވެ.
ސުޖާތާއަކީ ޕެންޝަން އޮފީހާއި އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ ހިމެނޭ 2.4 ބިލިއަން ރުފިޔާގެ ބޮންޑު މުއާމަލާތާ ގުޅޭ ލިޔުމެއްގައި ސޮއިކުރަން އިންކާރުކުރުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވި ދެވަނަ ބޭފުޅާ އެވެ. މީގެ ކުރިން މި ގޮތަށް އިސްތިއުފާ ދެއްވީ އެ އޮފީހުގެ ސީއެފްއޯގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ އެވެ.
ޕެންޝަން އޮފީހުގެ މި ބޮންޑު މުއާމަލާތް ހިންގަނީ އެ އޮފީހުން ކުރިން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށް ފަހު، އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށެވެ.
ޕެންޝަން އޮފީހުން ބުނާ ގޮތުގައި މި މުއާމަލާތަކީ އެ ފަންޑުގެ ޕޯޓްފޯލިއޯއަށް ފައިދާވާ ގޮތަށް، އަދި މިހާތަނަށް އެ ފަންޑުގައި ނެތް ބޭރު ފައިސާގެ ރިޒާވެއް އުފެދޭ ގޮތަށް ހިންގާ ފައިދާ ހުރި މުއާމަލާތެއް ކަމަށެވެ.
"މި މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ. މީގެ އިތުރުން، ޕެންޝަން ފަންޑުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ޓްރެޜަރީ ބިލްތަކުގެ ތެރެއިން ބައެއް، ދިގުމުއްދަތުގެ ޓްރެޜަރީ ބޮންޑަށް ބަދަލުކުރުމުގެ ފުރުސަތު މި މުޢާމަލާތުން ލިބިގެންދިއުމާއެކު، ޕޯޓްފޯލިއޯ ރިޓާން ވެސް އިތުރު ވެގެންދާނެ،" ޕެންޝަން އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ އޮފީހުން މިހެން ބުނި ނަމަވެސް، ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވަމުން ކުރީގެ ޗެއާޕާސަން އަހުމަދު އިނާޒާއި އެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވަން ހުންނެވި އަހުމަދު ސަރުވަޝް އާދަމް ވަނީ މި މުއާމަލާތުގެ ވަށައިގެން ހުރި ކަންކަމުން އިގުތިސޯދަށް ނުރައްކާ ބޮޑު ކަމަށެވެ.
ބޮންޑު މުއާމަލާތާ ގުޅިގެން މި ނޫހާ ވާހަކަ ދެއްކި ފަންނީ މާހިރުން ވެސް ވަނީ މިއީ ހިރާސް ބޮޑު މުއާމަލާތެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މީގެ ސަބަބުން ބޭރު ފައިސާގެ އަގު އިތުރަށް އުފުލި، ތަކެތީގެ އަގު އުފުލުމުގެ ފުރުސަތު ބޮޑު ކަމަށް ބުންޏެވެ.
މި މުއާމަލާތާ ގުޅިގެން ހުރި އަނެއް ކަންބޮޑުވުމަކީ އެމްއެެމްއޭގެ ފައިސާ ހޯދައިގެން ސަރުކާރުގެ ފައިނޭންސިން ހަމަޖެއްސުމެވެ. އަދި، މި މުއާމަލާތުގެ ތެރެއިން އެމްއެމްއޭއިން ދޫކުރާ ފައިސާ ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ބޭނުންކުރަން އިގުތިސޯދަށް ދޫކޮށްލާ ހިސާބުން ފައިސާގެ ސަޕްލައި އިތުރުވެ، ފައިސާ ޗާޕުކުރުމުގެ ހުރިހާ ސިފައެއް ފުރިހަމަ ވާނެ އެވެ.
ސުޖާތަ އިސްތިއުފާ ދެއްވީ ބޮންޑު ޓްރާންސެކްޝަން ލިޔުމުގައި ސޮއިނުކުރަން ވެގެން ސުޖާތަ އިސްތިއުފާ ދެއްވީ ބޮންޑު ޓްރާންސެކްޝަން ލިޔުމުގައި ސޮއިނުކުރަން ވެގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ