މުމްބާއީ އެއާޕޯޓުގެ ރަންވޭމަތީގައި ދެ މަތިންދާބޯޓެއްގެ ފިޔަގަނޑު ރޭ ޖެހި ހިނގި ހާދިސާއަކާ ގުޅިގެން، އިންޑިއާގެ އޭވިއޭޝަން ރެގިއުލޭޓަރުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
މި ހާދިސާއާ ގުޅިގެން ދެ ބޯޓުގައި ތިބި ފަސިންޖަރުން ވަނީ ރައްކާތެރިކަމާ އެކު ބޯޓުން ބާލާފަ އެވެ.
އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ފުރުމަށް ތައްޔާރުވެފައި އޮތް އެއާ އިންޑިއާގެ ބޯޓެއްގައި، ޖެއްސުމަށް ފަހު ޕާކިންއަށް ދަތުރުކުރަމުންދިޔަ އިންޑިގޯގެ ބޯޓެއްގެ ފިޔަގަނޑުގައި ކުޑަކޮށް ޖެހިގެންނެވެ. މި ހާދިސާގައި ދެ ބޯޓުގެ ވެސް ކަނާތްފަރާތު ފިޔަގަނޑުގެ ކުރީކޮޅު ވަނީ އެކަތި އަނެކައްޗާ ކޭއްތިފަ އެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ އެ ގައުމުގެ ގަޑިން ގާތްގަނޑަކަށް 7:30 ހާއިރު، ޗަޓްރަޕަތީ ޝިވާޖީ މަހާރާޖް އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. އެއާ އިންޑިއާގެ ބޯޓަކީ ކޮއިމްބަޓޯރަށް ދިއުމަށް ތައްޔާރުވެފައި އޮތް ބޯޓެކެވެ. އަދި އިންޑިގޯގެ ބޯޓަކީ ހައިދަރުއާބާދުން އައި ބޯޓެކެވެ.
މި ދެ ބޯޓަކީ ވެސް އެއާބަސް A320 މަރުކާގެ ބޯޓުތަކެއް ކަމަށްވާއިރު، މިހާރު ވަނީ އިތުރަށް ބަލައި ފާސްކުރުމަށްޓަކައި ދަތުރުތައް ހުއްޓާލާފަ އެވެ.
އެއާ އިންޑިއާއިން ބުނީ އެ ބޯޓުގެ ފިޔަގަނޑަށް ގެއްލުން ލިބިފައިވާތީ، ފަސިންޖަރުން ދަތުރުކުރުމަށް އެހެން އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
އިންޑިގޯއިން ބުނީ ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށާއި މި މައްސަލަ ބަލަމުންދާ ކަމަށެވެ.
ނަމަވެސް، މި ދެ ބޯޓުގައި އޭރު ތިބި މީހުންގެ އަދަދެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.
އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަމާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި ހިނގި މި ހާދިސާ ތަހުގީގު ކުރާނީ ކަނޑައެޅިފައިވާ ސަލާމަތީ މިންގަނޑުތަކުގެ ތެރެއިން ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ.
މުމްބާއީގައި 2 މަތިންދާބޯޓެއްގެ ފިޔަގަނޑު ޖެހުމުން ތަހުގީގު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ