އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ޗެލްސީ އާއި އާސެނަލް ވާދަކުރި މެޗުގައި މާ ގިނަ ހަމަލާތަކެއް ނުފެނެ އެވެ. ނަމަވެސް އިނގިރޭސި ލީގު ކަޕް، މަޝްހޫރު ނަމުން ނަމަ، ކަރަބާއޯ ކަޕްގެ ސެމީ ފައިނަލް ދެވަނަ ލެގަށް ވުމާ އެކު މެޗުގެ މުހިންމުކަން އެހާމެ ބޮޑެވެ.
ފުރަތަމަ މެޗުން 3-2އިން އާސެނަލް މޮޅުވެފައި އޮތުމުން ޗެލްސީއަށް ކިރިޔާ ވެސް ސަލާމަތެއް އޮތީ އެއް ލަނޑުން ނަމަވެސް އާސެނަލް ބަލިކުރުމެވެ. އެ ފުރުސަތެއް އާސެނަލްއިން ނުދިނެވެ. އޭގެ ބަދަލުގައި، ލަނޑެއް ނުޖެހި ނިމެންދިޔަ މެޗުގެ ފަހު ސިކުންތުކޮޅުގައި އާސެނަލްގެ ކާއީ ހާވާޓްޒް ޖެހި ލަނޑުން ފައިނަލް ކަށަވަރުކުރި އެވެ.
މި ނަތީޖާއަކީ އާސެނަލްގެ ބަދުނަސީބެއް މާޒީ ވެސް ކޮށްލުމެވެ. އެންމެ ފަހުން އާސެނަލް ކުޅުނު ހަތަރު ސެމީ ފައިނަލްގައި ވެސް ވަނީ ބަލިވެފަ އެވެ. އެހެންކަމުން މިއީ އާސެނަލްގެ ކޯޗުކަމާ މިކޭލް އާޓެޓާ ހަވާލުވި ފުރަތަމަ އަހަރު، 2020ގެ އެފްއޭ ކަޕް ކާމިޔާބުކުރި ފަހުން ފައިނަލަކަށް ދިޔަ ފުރަތަމަ ފަހަރެވެ.
ލީގު ކަޕަކީ އާސެނަލްއަށް ވަރަށް ތަދު މުބާރާތެކެވެ. އެންމެ ފަހުން އެ މުބާރާތުގެ ތަށި އާސެނަލްއަށް ކާމިޔާބުކުރެވިފައި ވަނީ 1993 ގަ އެވެ.
ލީގު ކަޕަކީ ޕްރިމިއަ ލީގާއި އެފްއޭ ކަޕް ނެގުމަށް ފަހު ދެން އޮންނަ އިނގިރޭސި އެންމެ ވަރުގަދަ މުބާރާތަށް ވުމުން ސެމީން ސަލާމަތްވެ ފައިނަލަށް ދިއުމަކީ، އާޓެޓާ ވެސް ގަބޫލުކުރާ ގޮތުގައި، ކާމިޔާބީގެ މަގަށް އެޅުނު ފިޔަވަަޅެކެވެ.
"މި މަގާމަަށް ދެވޭތޯ އަހަރެމެން އިންތިޒާރުކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ. އެހެންވެ އަހަންނަށް ޔަގީން ފައިނަލްގައި ކުޅުމަކީ ވަރަށް ބޮޑު އުފަލެއް ކަން،" މެޗަށް ފަހު ވާހަކަ ދައްކަމުން އާޓެޓާ ބުންޏެވެ.
މާޗު 22ގައި އޮންނަ ފައިނަލްގައި އާސެނަލް ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ސެމީ ފައިނަލް އަނެއް މެޗުގައި މެންޗެސްޓަ ސިޓީ އާއި ނިއުކާސަލްގެ ނަތީޖާއިންނެވެ. ފުރަތަމަ މެޗުން 2-0 އިން މޮޅުވީ ސިޓީ އެވެ.
ސިޓީ ފައިނަލަށް ހިނގައްޖެ ނަމަ އެ ވާނީ 2018ގެ ފައިނަލްގެ ތަކުރާރުވުމަކަށެވެ. އެ މެޗުން އާސެނަލް ބަލިކޮށް ސިޓީން ތަށި ނެގި އިރު ގާޑިއޯލާގެ އެސިސްޓެންޓް ކޯޗަކަށް ހުރީ އާޓެޓާ އެވެ.
އާސެނަލްއިން ހަތަރު ސެމީ ފައިނަލްގެ ބަދުނަސީބު މާޒީކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ