ސީރިއާގެ ސަރުކާރާއި ކުރުދީންގެ ބާރު އޮންނަ ޓެރަރިސްޓު ޖަމާއަތް ކަމުގައިވާ އެސްޑީއެފް އާ ދެމެދު ހަނގުރާމަ ހުއްޓާލައި، އެސްޑީއެފްގެ ބާރުގެ ދަށުގައި ހުރި ސަރަހައްދުތަކާއި ވަސީލަތްތައް ސަރުކާރާ ހަވާލުކުރުމަށް އެއްބަސްވެއްޖެ އެވެ.
ސީރިއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެސްޑީއެފްގެ ހަނގުރާމަވެރިން ފުރާތު ކޯރުގެ ހުޅަނގު ބިތުން ފައިބައި، ސީރިއާގެ ރަސްމީ ހަވާކުކުރާނެ ކަމަށެވެ.
އަލް-ޙަސަކާ، ދައިރުއްޒޫރު، އަދި ރައްގާ ޕްރޮވިންސްގައި ހުރި ސީރިއާ ދައުލަތުގެ އިދާރާތައް އަލުން ހުޅުވައި، އެ ތަންތަނުގެ ފުރިހަމަ ކޮންޓްރޯލް ދިމިޝްގުގެ މަރުކަޒީ ސަރުކާރަށް ލިބޭނެ ކަމަށާއި ތެޔޮ ވަޅުތަކާއި ގޭސް ފީލްޑްތަކުގެ އިތުރުން ހުރިހާ ބޯޑަރު ހުރަސްތަކެއް ސަރުކާރުގެ ބާރުގެ ދަށަށް ލިބޭނެ އެވެ.
އައިއެސްގެ ހަނގުރާމަވެރިން ތިބި ޖަލުތަކާއި ކޭމްޕުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ ދެން އުފުލާނީ ސީރިއާ ސަރުކާރުން ނެވެ.
ސަރުކާރުގެ އަސްކަރީ، ސަލާމަތީ އަދި މަދަނީ އިސް މަގާމުތަކަށް އެސްޑީއެފްގެ ލީޑަރުންގެ ތެރެއިން ބަޔަކު އައްޔަންކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ސީރިއާގެ ރައީސް އަޙްމަދު އަލް-ޝަރަޢު މިކަން އިއުލާން ކުރެއްވީ އެމެރިކާގެ މަންދޫބު ޓޮމް ބަރެކްއާ ބައްދަލުކުރެއްވުމަށް ފަހުގައެވެ. ބަރެކް ވަނީ މި އެއްބަސްވުމަކީ ސީރިއާގެ ބައިބައިވުން ނައްތާލައި، ބައިވެރިވުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މީގެ އިތުރުން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެސް ވަނީ ސީރިއާގެ ރައީސްއަށް ގުޅުއްވައި، އެ ގައުމުގެ ބިމުން ޓެރަރިޒަމް ފޮހެލުމަށް ދެއްވާ ތާއީދު ހާމަކުރައްވާފަ އެވެ. މި އެއްބަސްވުމުގެ ދަށުން، ތުރުކީން ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ބަލާ ޕީކޭކޭއަށް ނިސްބަތްވާ ބޭރުގެ މެންބަރުން ސީރިއާގެ ބިމުން ބޭރުކުރުމަށް އެސްޑީއެފް އިން ވަނީ އެއްބަސްވެފައެވެ.
ތުރުކީން ގަބޫލުކުޜާ ގޮތުގައި އެސްޑީއެފްއަކީ ޕީކޭކޭގެ ގޮތްޕެކެވެ.
އެސްޑީއެފްއަކީ ކުރުދީންގެ އިސްނެގުމާއެކު އުފައްދާފައިވާ، އެމެރިކާގެ އެހީތެރިކަން ލިބޭ، ވާތުފިޔައިގެ ފިކުރުގެ އެކި ނަސްލުތަކަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތްތަކާއި އިދިކޮޅު ގްރޫޕުތައް ހިމެނޭ އިއްތިހާދެކެވެ. މިއީ އުތުރު އަދި އިރުމަތީ ސީރިއާގެ ޑިމޮކްރެޓިކް އޮޓޯނޮމަސް އެޑްމިނިސްޓްރޭޝަންގެ ރަސްމީ އަސްކަރީ ގޮއްފެވެ. އޮކްޓޫބަރު 10، 2015 ގައި އުފެދުނު އެސްޑީއެފްގެ މައިގަނޑު މަގުސަދަކީ ސީރިއާގައި ދީނީ ނުފޫޒުން އެއްކިބާވެފައިވާ، ޑިމޮކްރެޓިކް، އަދި ފެޑަރަލް ނިޒާމެއް ގާއިމުކުރުމެވެ.
ހަނގުރާމަ ހުއްޓާލުމަށް ސީރިއާ ސަރުކާރާއި އެސްޑީއެފްއާ ދެމެދު ތާރީހީ އެއްބަސްވުމެއް ހަދައިފި ހަނގުރާމަ ހުއްޓާލުމަށް ސީރިއާ ސަރުކާރާއި އެސްޑީއެފްއާ ދެމެދު ތާރީހީ އެއްބަސްވުމެއް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ