އަހަރުތަކެއް ފަހުން އަނިލްއަށް ތެލުގޫ ފިލްމެއް
ބޮލީވުޑްގެ އެންމެ ތަޖުރިބާކާރު އެކްޓަރުންގެ ތެރޭ ހިމެނޭ ކުޅަދާނަ ފިލްމީ ތަރި އަނިލް ކަޕޫރަށް ތެލުގޫ ފިލްމަކުން ފުރުސަތު ލިބި ފިލްމަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. އަނިލް 45 އަހަރު ފަހުން އެނބުރި ދެކުނު އިންޑިއާގެ ސިނަމާއަށް އަންނަ މި ފިލްމަކީ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ޕްރަޝާންތު ނީލް އުފައްދާ "ޑްރެގަން"އެވެ. ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރް ލީޑް ރޯލް ކުޅޭ މި ފިލްމުގައި އަނިލް ފެންނާނީ ވަރަށް ވަރުގަދަ ވިލެންއެއްގެ ރޯލުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް، ފިލްމުގައި އަނިލް ކުޅޭ ކެރެކްޓާއާ ގުޅޭ އިތުރު މައުލޫމާތުތައް އެ ފިލްމުގެ ޓީމުން އަދި އޮތީ ސިއްރުކޮށްފައެވެ. ފިލްމު ޑައިރެކްޓަރު ޕްރަޝާންތު ނީލް--ފޮޓޯ/ޕިންކްވިލާ ފިލްމު "ޑްރެގަން"އިން އެންޓީއާރްއާ އެކު އަނިލް މަސައްކަތްކުރަން ނިންމިއިރު މިދިޔަ އަހަރު ޔަޝް ރާޖް ފިލްމްސްއިން ގެނެސްދިން އެކްޝަން ތުރިލާ "ވޯ 2"ގައި ވެސް ދެ ތަރިން ވަނީ މަސައްކަތްކޮށްފައެވެ. ފިލްމު "ވޯ 2" އަކީ އެންޓީއާރްގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ. ޑައިރެކްޓަރު ޕްރަޝާންތު ނީލަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި "ކޭޖީއެފް"ގެ ދެ ބައިގެ އިތުރުން ޕްރަބާސްގެ އެކްޝަން ތުރިލާ ފިލްމު "ސަލާރު"ގެ ޑައިރެކްޓަރެވެ. އަނިލްގެ ކެރިއަރުގައި ކުޅުނު ތެލުގޫ ފިލްމުތަކުގެ ތެރޭ 1980އިގައި ރިލީޒްކުރި "ވަމްސާ ވިރުކްޝަމް" ހިމެނެއެވެ. އުމުރުން 69 އަހަރުގެ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭ ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވަސްއިން ގެނެސްދޭ "އަލްފާ" އަދި ޝާހްރުކް ޚާންގެ އާ ފިލްމު "ކިންގް" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ