ފެންނަނީ ދަރަނި މެނޭޖުކުރުމަށް މި ސަރުކާރުގެ އެއްވެސް ޕްލޭނެއް ނެތްތަން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި އަހަރު ރާއްޖެއިން ދަރަނީގެ ގޮތުގައި އެއްފަހަރާ ދައްކަން ޖެހޭ އެންމެ ބޮޑު އަދަދަކީ 2018 އަދި 2019ގައި ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކެވެ.
ތަފްސީލް - ސުކޫކު ދައްކަން ޖެހޭ ތާރީހު ކައިރިވަމުން އަންނައިރު، އެކަމާ ގުޅިގެން ސަރުކާރުން ހަރުދަނާ ފިޔަވަޅެއް އަޅާފައިނުވާކަމަށް ވިދާޅުވެ ފައްޔާރު ރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު މާލީ ނިޒާމު ހަރުދަނާކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.
މީގެ އިތުރުން ސުކޫކު ދައްކަން ޖެހޭ މުއްދަތު ކައިރިވަމުން އަންނަކަން އެނގޭއިރު އެކަމަށް ވެސް ތައްޔާރުވެފައި ނުވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ:
ސޮވެރިން ޑެޓް ރީފައިނޭންސް ކުރުމަކީ އާންމުކަމެއް
މީގެ ކުރިން 2021 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގައި ވެސް ވަނީ އޭރު ދައްކަން އޮތް ދަތަންޏެއް ރީފައިނޭންސްކޮށްފައި
މިއީ ދަރަނި މެނޭޖުކޮށް ބޭރު ފައިސާގެ ރިޒާވް ރައްކާތެރިކުރުމަށް ސަރުކާރުތަކުން އަޅާ ފިޔަވަޅެއް
މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ކޮވިޑު19 ގެ ސަބަބުން ކުރީ ސަރުކާރަށް ކުރިމަތިވި މާލީ ގޮންޖެހުންތަކާއެކު ނަގަން ޖެހުނު ދަރަނިތަކަށް ފާޑުކިޔަމުން ކަމަށާއި ނަމަވެސް މި ސަރުކާރުން ދަރަނި މެނޭޖުކުރުމަށް ހަރުދަނާ ފިޔަވަޅެއް އަޅާތަން ނުފެންނަ ކަމަށެވެ.
މިއަހަރު ތެރޭގައި ސުކޫކަށް ފައިސާދައްކަން ޖެހޭކަން މާކުރިން ވެސް އެނގޭކަން ފާހަގަ ކުރައްވާ ފައްޔާޒު ވިދާޅުވީ ފެންނަނީ ސަރުކާރު ހަނު އޮންނަތަން ކަމަށެވެ.
"ސަރުކާރުގެ އެއްވެސް ޕްލޭނެއް އެބަ އޮތްތޯ؟ އެ ދަރަނި ދައްކާނެ ގޮތަކާމެދު ކަންބޮޑު ވޭތޯ؟ ނޫނީ އޮތް ޔަގީންކަމެއްގެ ބޮޑުކަމުން މައުލޫމާތު ހާމަކުރަން ބޭނުން ނުވަނީތޯ؟" ފައްޔާޒު ސުވާލު އުފެއްދެވި އެވެ.
ސަރުކާރަށް ފާޑުވިދާޅުވެ ފައްޔާޒު ވަނީ މައުލޫމާތު ހާމަނުކޮށް ސަރުކާރުން ކަންކުރާގޮތުން ބައިނަލްއަގުވާމީ އިދާރާތަކުގެ ކުރިމަތީ ރާއްޖޭގެ މާލީ ދާއިރާއަށް އޮންނަ އިތުބާރު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ޓްރާންސްޕޭރެންސީ އެއް ނެތި އަމިއްލަ ފަރާތްތަކުގެ އަތުން ލޯނުތައް ނެގުމަކީ ބޭރުފައިސާގެ ރިޒާމަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށެވެ. އެއާއެކު ދެން ކުރިމަތިވާ ޝޮކުތައް ތަހައްމަލު ކުރާނެ ބަފަރެއް ނެތި، މީގެެ ކުރިން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ނުދާހާ ދަށަށް ގޮސްދާނެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.
"އެއަށްވުރެ ބޮޑަށް ކަންބޮޑުވަނީ ރާއްޖޭގެ ބިންތައް ބޭރު މީހުންނަށް ވިއްކާ، ގައުމުގެ އިސްތިގުލާލަށް އަސަރުކުރާނެ ފަދަ ފިޔަވަޅުތަކުގެ އަޑު ގަދަވެފައިވާތީ،" ފައްޔާޒު ވިދާޅުވި އެވެ.
"މިއީ އެއްވެސް ހާލެއްގައި ދަރަނި މެނޭޖު ކުރުމެއް ނޫން. މިއީ ސީދާ، އެއްވެސް ޕްލޭނެއް ނެތި މަސައްކަތް ކުރުން."
ފާހަގަ ކުރެވޭ - މި އަހަރުގެ ބަޖެޓުގައިވާ ގޮތުގައި:
ސްކޫކުގެ 450 މިލިއަނެއްހާ ޑޮލަރު ރީފައިނޭންސް ނުވަތަ ފަހުުން ފައިސާ ދައްކާ ގޮތަށް ލަސްކުރަން ވަނީ ނިންމާފައި
ސްކޫކުން ދައްކަނީ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑް (އެސްޑީއެފް)ގައިވާ ފައިސާއިން 150 މިލިއަނެއްހާ ޑޮލަރު
ސަރުކާރުން ވަނީ އެ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ފެންނަނީ ދަރަނި މެނޭޖުކުރުމުގެ އެއްވެސް ޕްލޭނެއް ނެތްތަން: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ