ޝިއުނާ، ކުރީގެ ނައިބުރައީސް ޖަމީލުއަށް ދައުވާކުރަނީ
ޕީއެންސީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޝިއުނާ ބުރުގާ ނާޅާ ދުވަސްވަރުގެ ފޮޓޯއެއް އާންމުކުރި މައްސަލައިގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާ ދެކޮޅަށް ދައުވާ ކުރަން ހުށަހަޅައިފި އެވެ.ސޯޝަލްމީޑިއާގައި ޝިއުނާކުރި ޕޯސްޓެއްގައި ބުނީ އޭނާ ބުރުގާ ނާޅާއިރުގެ ފޮޓޯތައް ސޯޝަލްމީޑިއާގައި އާންމުކުރަމުންދާ މައްސަލައިގައި ޖަމީލުއާ ދެކޮޅަށް ދައުވާކޮށް ޖަމީލުގެ އަމަލުގެ ސަބަބުން ގެއްލިފައިވާ ހައްގު ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ."މުހައްމަދު ޖަމީލު އަހުމަދު ސޯޝަލްމީޑިއާގައި ސިޔާސީ ބޭނުމަށް އަޅުގަނޑަށް ފުރައްސާރަކޮށް ހިޖާބު ނުވާއިރުގެ ފޮޓޯތައް އާންމުކޮށް ހަދަމުންދާ މައްސަލައިގައި ޖަމީލުއާ ދެކޮޅަށް ދައުވާ ކުރުމަށް އަދި ގެއްލިފައިވާ ހައްގުތައް ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފިން،" ޝިއުނާ ކުރި ޕޯސްޓުގައި ބުންޏެވެ.ޖަމީލުއާ ދެކޮޅަށް ޝިއުނާ ދައުވާ ކުރަން ހުށަހަޅާފައި މި ވަނީ، މިދިޔަ ހޮނިހިރު ދުވަހު ޖަމީލު ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. ޝިއުނާގެ ކުރީގެ ފޮޓޯއަކާއި ފަހުގެ ފޮޓޯއަކާއެކު ޖަމީލު ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ އަލް ހުޖުރާތު ސޫރަތުގައި ދޮގު ހަބަރު ފަތުރާ މީހުންނާ ގުޅޭގޮތުން އައިސްފައިވާ އާޔަތެއްގެ މާނަ ހިއްސާ ކުރައްވައިފަ އެވެ.ޝިއުނާއާ ގުޅޭ ޕޯސްޓެއް ޖަމީލު ކުރެއްވީ ޕީއެންސީގެ އެކްޓިވިސްޓުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ސައިޓެއްގައި ކުރީގެ ރައީސް، އަބްދުالله ޔާމީން އަބްދުލް ގައްޔޫމްގެ ތާއީދާއެކު މާލޭގެ މޭޔަރު ކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އިސްމާއީލް ޒަރިޔަންދުއާ ގުޅޭ ގޮތުން ސައްހަ ނޫން ޚަބަރެއް ގެނެސްދިނުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ