ބޭރު މީހުންނަށް ބިން ވިއްކަން އުޅޭކަމުގެ ތުހުމަތު!

މި އަހަރު ރާއްޖޭން ދައްކަންޖެހޭ ދަރަނި އަދާކުރާނެގޮތުގެ ޕްލޭނެއް ސަރުކާރުގައި ނެތް ކަމަށާއި ބޭރު ގައުމުތަކަށް ދިވެހި ބިން ވިއްކަން އުޅޭކަމުގެ ވާހަކަތައް ވެސް އަޑުއިވޭ ކަމަށް ވިދާޅުވެ، ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.ފައްޔާޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުކޫކު ދެއްކުމަށް މާކުރިން ތައްޔާރުވާންޖެހޭ ކަމަށާއި ނަމަވެސް، މި ސަރުކާރުން އެކަމާ މެދު އަމަލުކުރާނެ އިތުބާރު ހުރި ފިސްކަލް ރޭވުމެއް މިހާތަނަށް ދައްކާފައި ނުވާ ކަމަށެވެ.ސުކޫކު ދެއްކުމަށް އެމެރިކާގެ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ވަރަށް ބޮޑު އިންޓްރެސްޓެއްގައި 300 މިލިއަން ޑޮލަރު ނަގަން އުޅޭކަމުގެ އަޑުތައް ފެތުރިފައި ވާއިރު، އެކަމަށް އިޝާރަތް ކުރައްވައި ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި އަދާކުރުން އިތުރަށް ދަތިވާނެ ފަދަ 'ޑަބަލް ޑިޖިޓް' ގެ އިންޓްރެސްޓް ރޭޓްތަކުގައި ލޯނު ނަގަމުންދާ ކަމަށް ދެކެވޭ ވާހަކަތަކުގެ ސާފު ޖަވާބެއް ރައްޔިތުންނާއި ވިޔަފާރިތަކަށް އެނގެންޖެހޭ ކަމަށެވެ.ކާގިލްއިން ލޯނު ނަގަން އުޅޭ ވާހަކަ މިހާތަނަށް ސަރުކާރުން ދޮގެއް ނުކުރެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން އެއްވެސް ބަހެއް ނުބުނެ އެވެ.ސަރުކާރުން ދަރަނި ދައްކާނެ ގޮތާ މެދު އެއްޗެއް ނުބުނާތީ ފައްޔާޒް ކަންބޮޑުވުން ފާޅުކުރެއްވި އެވެ."ސަރުކާރުގެ ޕްލޭނެއް އެބައޮތްތަ؟ ސަރުކާރުން އެ ކަމާ ކަންބޮޑުވޭތަ؟ ނޫނީ، ޔަގީންކަން އޮތް ވަރުން ދެފުށް ފެންނަހެން ކަންކުރަން ވެސް ނުވިސްނަނީ؟،" އޭނާ ސުވާލުކުރެއްވިއެވެ.ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް ވެސް ވަނީ ސަރުކާރުން ވަރަށް ބޮޑު އިންޓްރެސްޓް ރޭޓެއްގައި ދަރަނި ނަގަން އުޅޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފަދަ ދަރަންޏެއް ނަގައިފި ނަމަ އިންތިހާއަށް ގެއްލުންވާނެކަމުގެ ކަންބޮޑުވުން ފާހަގަކުރައްވައި އޭނާ ވަނީ އެއީ ކުރިއާލާ ތައްޔާރުނުވުމުން ނުކުތް ނަތީޖާއެއްކަން ފާހަގަކުރައްވާފަ އެވެ."މިއަށްވުރެ ވެސް ކަންބޮޑުވާ ކަމަކީ އިސްތިގުލާލަށް ލިބިދާނެ ގެއްލުމެއް. ބޭރު ގައުމުތަކަށް ބިން ވިއްކަން އުޅޭކަމަށް އިވޭ އަޑުތައް،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ