މިނިވަން ކެންޑިޑޭޓުން 50 މީހުންގެ ސޮއި ހޯދަންޖެހޭތީ ޔާމީންގެ ކަންބޮޑުވުން: 'އެއީ ގާނޫނުގައި ނެތް ކަމެއް'

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ނަމަ 50 މީހުންގެ ސޮއި ހޯދަންޖެހޭ ގޮތަށް ބަދަލުކުރުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ފާޑުވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ހަސަން ޒަކަރިއްޔާ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ރޭ ވިދާޅުވި ގޮތުގައި، އިއްޔެގެ ނިޔަލަށް 100އެއްހާ ކެންޑިޑޭޓުންގެ ފޯމު ލިބުނުއިރު، ލިޔެކިއުންތައް ހަމަނުވެގެން ބާތިލުކުރަންޖެހޭ ފޯމުތައް ވެސް އެބަހުއްޓެވެ.
އޭގެ ތެރޭގައި، މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލާއިރު 50 މީހުންގެ ތާއީދު އޮތްކަން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށާއި އެ މީހުންގެ ތާައީދު ހޯދުމަށް އީޕޯޓަލް ތެރެއިން އެކަން ކުރެވޭނެ އިންތިޒާމު ފަހިކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ މިފަހަރު ކައުންސިލް އިންތިހާބާ ދިމާކޮށް، ވަކި ޕާޓީއަކާ ނުގުޅި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް އީސީން ވަނީ ބޮޑު ތަކުލީފެއް ޖައްސާފައި ކަމަށެވެ.
"ގާނޫނުގައި ނެތް ކަމެއް އެ އޮތީ ކުރިމަތިކުރުވާފައި. 50 މީހުންގެ ސޮއި ހޯދަންޖެހޭ މިއީ ގާނޫނުގައި އޮތް ޝަރުތެއް ނޫން، އެހެން ނޫންތޯ. އަދި އެވެސް އީފާސް މެދުވެރިކޮށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން އިތުރަށް ވިދާޅުވީ:
އީސީއަކީ ގާނޫނީ ހަމަތަކުގެ މަތިން އިންތިހާބު ބާއްވައި ވޯޓު ގުނަން ތިބޭ ބައެއް
އިންތިހާބަށް ކުރިމަތިލާންވީ ގޮތުގެ ޝަރުތުތަކެއް އީސީއަކަށް ކަނޑައެއް ނޭޅޭނެ 
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ޕާޓީއަކާ ނުގުޅި ކުރިމަތިލާ ކެންޑިޑޭޓުން، އިންތިހާބުތަކުގައި ވާދަކުރަން 50 މީހުންގެ ސޮއި ހޯދާކަށް ނުޖެހޭނެ
"މިހަދާ ގޮތަކީ ޕާޓީއަކުން ނުކުންނަ މީހުން ފިޔަވައި ހަމަ އެންމެންނަަށް ޖެއްސުނު އުނދަގުލެއް [ޖައްސަނީ]،" ޔާމީން ވިދާޅުވި އެވެ.
އެނގުން މުހިންމު - ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް އޮންލައިންކޮށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 3:30ގަ އެވެ.
މި އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ އެވެ. މި އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ