ރަސޫލް ޞޢޥ ދެކެ އަހުރެމެންނަށް އެބަ ލޯބިވެވޭތަ؟ ނިކަން މިކަމަނާގެ ވާހަކަތަކާ ޢަމަލަށް ވިސްނާލަބަލަ!

ތިމާ ކިތަންމެ ބޮޑަށް ލޯބިވާ މީހަކު ނުރުހޭނެ ކަމެއްވެސް މީހަކަށް ކުރެވިދާނެއެވެ. ނަމަވެސް ޔަޤީންކަމާއިއެކު ބުނަމެވެ. ތިމާ އެމީހަކުދެކެ ޙަޤީޤީ ލޯބިވާ މީހަކު ނުރުހޭނެ އެއްވެސް ކަމެއް ހަމައެކަކުވެސް ނުކުރާނެއެވެ.  
ދިރިއުޅުމަށްބަލާއިރު ބައިވެރިޔާ ނުރުހޭނެ ކަންކަން ޤަޞްދުކުރާނަމަ އެމީހަކީ ބައިވެރިޔާ ދެކެ ޙަޤީޤީ ލޯބިވާ މީހަކަށް ނުވާނެއެވެ. އަދި ﷲ ތަޢާލާ އަށާއި ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ ދެކެ ލޯބިވާ މީހަކު އަބަދުވެސް މަސައްކަތްކުރާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ތިމާއަކީ ޤިޔާމަތްދުވަހުން ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަގެ ޝަފާޢަތް ލިބޭނެ މީހަކަށްވުމަށް މަސައްކަތްކުރުމަށެވެ.  
ޞަޙާބީ ބޭކަނބަލަކު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވެވަޑައިގެންނެވި މިންވަރު އެނގޭހެއްޔެވެ؟ ސުވާލަކީ އަހުރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟  
ރަސޫލް ﷺ އަށް ލޯބިކުރެއްވެވުމުގެ އެންމެ ކުރީސަފުގައި އެކަނބަލުން ތިއްބެވިކަން ސިޔަރަތުން ސާބިތުވެއެވެ.  
އުހުދު ހަނގުރާމައަށްފަހު މުސްލިމުން އެނބުރި މަދީނާއަށް ވަޑައިގަންނަވަން ފެށްޓެވުމުން އެބޭކަލުންގެ ހާލުކޮޅު ބެއްލެވުމަށް ނުކުމެވަޑައިގެންނެވި ބޭކަނބަލަކު ސުވާލު ކުރައްވަމުން ގެންދެވީ ރަސޫލް (ﷺ) ކޮބައިތޯއެވެ. އިތުރު އެކަލޭގާފު (ﷺ)ގެ ޙާލުކޮޅަކީ ކޮބައިތޯއެވެ؟  
އެކަމަނާއަށް ފުރަތަމަ ދެންނެވުނީ ފިރިކަލުން ޝަހީދުވީ ވާހަކައެވެ. ދެން ދެންނެވުނީ ދަރިކަލުން ޝަހީދުވީ ވާހަކައެވެ. ދެން ދެންނެވުނީ ބޮޑުބޭބެ ޝަހީދުވިކަމުގެ ވާހަކައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް އެކަމަނާ ކަންބޮޑުވެވަޑައެއް ނުގަންނަވައެވެ. ކަންބޮޑުވެވަޑައިގަތީ ރަސޫލް (ﷺ)ގެ ޙާލުކޮޅާއިމެދުގައެވެ.  
އެކަމަނާގެ ލޯފުޅަށް ރަސޫލް (ﷺ) ފެނިވަޑައިގަންނަވަންދެން ހޯއްދެވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. ރަސޫލް (ﷺ) އަށް ކަމެއް ކުރިމަތިވެވަޑައިގަތުން ނޫނީ އެއްވެސް ބޮޑު ކަމެއް ނުވެއެވެ. ދެން ހުރި ކޮންމެ ކަމަކީ ދާދި ކުޑަކުޑަ ކަމެކެވެ.   
މިއީ ޞަޙާބީން ރަސޫލް (ﷺ) އަށް ލޯބިކުރެއްވެވި މިންވަރެވެ.
 
- ޝައިޚް ޢަބްދުﷲ މިފްޟާލްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ