ވިލިމާލެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަން ސޮއިކޮށްފި

ވިލިމާލޭގައި ޗައިނާ ސަރުކާރުގެ އެހީގައި އަޅާ ހޮސްޕިޓަލަށް 'ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް'ގެ އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް ؟ - މިއަދު ސޮއިކުރި އެއްބަސްވުމާ އެކު ދެން ކުރިއަށް ގެންދާނީ ބީލަމުގެ އުސޫލުން މަޝްރޫއަށް ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތެވެ.
ހޮސްޕިޓަލުގެ އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ:
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު
ޗައިނާ ސަރުކާރުގެ ފަރާތުން އެމްބަސީގެ ކައުންސެލަރު ޒެންގެ ޒޫ
ޓާޝަރީ ފެންވަރުގެ މި ހޮސްޕިޓަލަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ތަފްސީލް - ޗައިނާގެ އެހީގައި ވިލިމާލޭގައި 12،890 އަކަފޫޓުގެ ސަރަހައްދެއްގައި އަޅަނީ 112 އެނދުގެ ހޮސްޕިޓަލެކެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުންޏެވެ.
އެ ހޮސްޕިޓަލްގެ މަސައްކަތް ދެ އަހަރުން ނިންމާލެވޭނެ ކަމަށް މިނިސްޓަރު މުއްތޮލިބު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ހޮސްޕިޓަލު ތަރައްގީ ކުރަނީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނަށް ހާއްސަ ސެންޓަރަކާ އެކު އެވެ.
އެ ތަނުގައި އައުޓް ޕޭޝަންޓު ހިދުމަތާއި ކުއްލި ފަރުވާގެ ހިދުމަތްތައް އަދި ބަލި ދެނެގަތުމާއި ފަރުވާ ދިނުމަށް ހާއްސަ ސަރަހައްދުތައް ހުންނާނެ އެވެ.
މީގެ އިތުރުން، ބޮޑެތި ފާރުގަނޑުތައް ފަސޭހަކުރުމަށް ދޭ ހާއްސަ ފަރުވާ އާއި ޑީކޯވާ މީހުންނަށް ދޭ ފަރުވާ އާއި އިތުރު ބޮޑެތި ސްޕެޝަލައިޒް ފަރުވާތައް ވެސް އެ ހޮސްޕިޓަލުން ދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ