ދަތް އުނގުޅުމަކީ ރައްބުގެ ރުހުން ލިބޭ ކަމެއް!

އިސްލާމްދީނަކީ ޠަހާރަތަށް ވަރަށް ބޮޑު އިސްކަމެއް ދޭ ދީނެކެވެ. ޠަހާރަތުން އީމާންކަން މިންކުރައްވައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «الطُّهورُ شطْرُ الإيمانِ» (مسلم: 223) މާނައީ: "ޠަހާރަތަކީ އީމާންކަމުގެ ދެބައިކުޅައެއްބައެވެ." ޠަހާރަތުގެ ތެރޭގައި ދަތްޕިލަ އުނގުޅާ ސާފުކޮށްފައި ބެހެއްޓުން ވެއެވެ. ދަތްއުނގުޅުމަކީ ހާދަ މުހިންމު ކަމެކެވެ. އެ ކަމުގެ މައްޗަށް ދަލީލުކުރާ ވަރަށް ގިނަ ނައްޞުތައް ދީނުގައި ފެންނަން އެބަ އޮތެވެ. ދީނީ ގޮތުން މި ކަމުގެ ދަލީލަކަށް ކޮންމެހެން ބޭނުން ނުޖެހޭ ވަރަށް، މި ކަމަކީ އިންސާނީ ޠަބީޢަތުގެ ނަޒަރިއްޔާއިން ވެސް ސަމާލުކަން ދެވޭ މުހިންމު ކަމެކެވެ. އެހެނަސް، އަޅުގަނޑުމެން މުސްލިމުންނަށް ވީތީ ކުރާ ކަންކަން ދީނީ ގޮތުން ދަލީލެއް އޮވެ، އެގޭ މައްޗަށް ރިއާޔަތްކޮށްގެން ކުރުމަކީ، އެ ކަމުން ސަވާބު ލިބޭނޭ ކަމެކެވެ. އެހެންކަމުން ދަތް އުނގުޅުމާ މެދު ދީނީ ގޮތުން ފެންނަން އޮތީ ކޮން ކަމެއްތޯ ބަލައިލަމާ ހިނގާށެވެ! ޠާހިރުވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެން ވާ ކަން ބަޔާންކުރައްވައި ބަޤަރާ ސޫރަތުގައި އެންގެވިއެވެ. ‎﴿إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ﴾ ‎(البقرة: ٢٢٢) މާނައީ: "ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެން ވެއެވެ. އަދި ޠާހިރުވާ މީހުންދެކެ ވެސް އެކަލާނގެ ލޯބިވެވޮޑިގެން ވެއެވެ. ދަތް ސާފުކުރުން މީގެތެރޭގައި ހިމެނެއެވެ. ދަތް އުނގުޅުން ގިނަކުރުން އެއީ އިންސާނުންނަށް އުނދަގޫ ޖެހިދާނެ ކަމެއް ކަމުގައި ނުވާނެ ނަމަ އެ ކަން އެ ގޮތަށް ކުރުމުގެ އަމުރު ދެއްވަން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އެދިވަޑައިގެންނެވިއެވެ. އެހެނަސް އެ ކަން އެ ގޮތަށް އެންގެވި ނަމަ، ދީނުގެ ޝަރީޢަތުގެ ތެރެއަށް އެ ކަން ވަދެ މީސްތަކުންނަށް ތަކުލީފު ޖެހިދާނެތީ އަމުރު ނުކުރައްވައި ދޫކޮށްލެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «لَوْلَا أنْ أشُقَّ علَى أُمَّتي أوْ علَى النَّاسِ لَأَمَرْتُهُمْ بالسِّوَاكِ مع كُلِّ صَلَاةٍ.» (البخاري: 887) މާނައީ: "ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންނަށް އުނދަގުލެއް ޖެހިދާނެ ކަމަށް ބިރުފުޅުވެވަޑައިނުގަންނަވާނެ ނަމަ، ކޮންމެ ނަމާދަކަށް (ސިވާކުން) ދަތް އުނގުޅަން ތިމަންކަލޭގެފާނު އަމުރުކުރެއްވީމުހެވެ." މި ޙަދީޘުން އެނގެނީ އެކަލޭގެފާނު މި އުންމަތުގެ މީހުންނަށް ތަކުލީފު ލުއިކޮށްދެއްވަން އެދިވަޑައިގަންނަވާ މިންވަރާއި، ދަތް އުނގުޅަން އަމުކުރައްވަން ބޭނުވެލެއްވި މިންވަރެވެ. އޭގެ މުރާދަކީ ދަތް އުނގުޅުމަކީ ވަރަށް މުހިންމު ކަމެކަން ބަޔާންކޮށްދެއްވުމެވެ. އެ ޙަދީޘްގައި އެ އޮތީ ގާތްގަނޑަކަށް އެ ކަމަށް އަމުރު ހިނގައިފައެވެ. އެހެނަސް މަޖުބޫރުނުވާ ގޮތަށެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އެ ކަން އެ މަގުން ކުރުން އައުލާވެގެން ވެއެވެ. ކެރިކުޅަދާނަ ވީ މިންވަރަކުން ނަމާދު ވަގުތުތަކުގައި އަނގަ ދޮވެ ސާފުކުރުން ރަނގަޅެވެ. ދަތް އުނގުޅައިފިއްޔާ އެ ގޮތް މޮޅު އިތުރުވެގެން ވެއެވެ. ނަމާދަށް ދާއިރު އަނގައިން ނުބައިވަސް ކެނޑުވުމަކީ ކޮންމެހެން ކުރަން އަނގަވައިފައި އޮތް ކަމެކެވެ. އެ ކަމަކީ މީސްތަކުންނަށް އުނދަގޫ ވާނޭ ކަމެއް ކަމާއި، އެ ކަމުން މަލާއިކަތުންނަށް ވެސް ތަކުލީފު ބިލޭ ކަމުގައި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ބަޔާންކޮށްދެއްވިއެވެ. ޖާބިރު ބުނު ޢަބްދުﷲގެ އަރިހުން އިމާމް މުސްލިމް ނެރުއްވި ޙަދީޘެއްގައި ވެއެވެ. ލޮނުމެދު، ފިޔާ، ލީކްސް ފަދަ ތަކެތި (ރޮލާ) ކެއުން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ތިމަންމެންނަށް ނަހީކުރެއްވިއެވެ. ޙަދީޘްކުރެއްވިއެވެ. «مَن أكَلَ مِن هذِه الشَّجَرَةِ المُنْتِنَةِ، فلا يَقْرَبَنَّ مَسْجِدَنا، فإنَّ المَلائِكَةَ تَأَذَّى، ممَّا يَتَأَذَّى منه الإنْسُ.» (مسلم: 223) މާނައީ: "މި ތަކެތި (ރޮލާ) ކައިގެން ހުންނަ މީހާ ތިމަންމެންގެ މިސްކިތާ ގާތްނުވާށެވެ! ފަހެ، ހަމަކަށަވަރުން އިންސާނުންނަށް އުނދަގޫވާ ކަންކަމުން މަލާއިކަތުންނަށް ވެސް އުނދަގޫވެއެވެ." ބަޔާންވެ ދިޔަ ޙަދީޘުގައި އެ ވަނީ ނަހީގެ ވައްތަރެކެވެ. އެއީ ނުރުހުންތެރިކަމާ އެކު ހުއްދަވާ، އާންމު މާނައިގައި އިންކާރުކުރެވޭ ކުރެވުމެވެ. އެ ތަކެތި ކެއުން ޙަރާމްވެގެން ނުވެއެވެ. ރޮލާ ނުކެއުމަށް ބާރުއެޅުއްވީއެވެ. "ކައިގެން ހުންނަ މީހާ" ވަކި ކަމަކުން ދުރުވުމަށް އެންގެވުމުން އެނގެނީ ކެއުން ޙަރާމް ނޫން، އެހެނަސް ކައިފިއްޔާ މިސްކިތަށް ނައުމަށް އަންގަވައިފައި އެ އޮތީ ޝަރުޠެއް ހިމެނޭ ގޮތަށެވެ. އެއީ އޭގެ ވަސް ކެނޑުވުމުގެ ޝަރުޠެވެ. މިސްކިތާ ދުރުގައި ހުންނަން ވީކީ ނޫނެވެ. ވަސް ކަނޑުވައިގެން މިސްކިތަށް އަންނަންވީއެވެ. މަލާއިކަތުންނަށް އެ ކަމުން އުނދަގޫ ލިބޭތީ ކުރެއްވި ނަހީއެކެވެ. އެއީ އިންސާނުންނަށް ވެސް އުނދަގޫ ވާ ކަމެކެވެ. މީހެއްގެ އަނގައިން ލޮނުމެދު، ފިޔާ،ގެ ވަސް ދުވަންޏާ އެހެން މީހުންނަށް އުނދަގޫވާނެއެވެ. މި ހަދީޘްގައި ވެސް މި އަންގަވަނީ ދަތް އުނގުޅާށެވެ. ދަތް އުނގުޅާއިރު އަނގައިން މީރު ވަސް ދުވާނޭ ފަދަ ވަސް ރަނގަޅު އަދި އަނގައިގެ ޞިއްޙަތަށް ފައިދާހުރި މާއްދާތައް އެކުލެވޭ ތަކެތި ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. ދަތް އުނގުޅަން ގެންގުޅޭ ބުރުހަކީ އޭގެ މުއްދަތު ހަމަވުމުން ބަދަލުކުރާ އެއްޗަކަށް ހަދަން ވާނެއެވެ. އޭގައި ހުންނަ ބާރުކެނޑިގެން ދާފަހުން ވެސް އެ ބުރުސް ގެންގުޅުމަކީ އޭގެން ލިބެންޖެހޭ ފައިދާ ކުޑަ ވާނޭ ކަމެކެވެ. ހަމަ އެހެންމެ ބޭނުންކުރާ ބޭހަކީ ވެސް އަނގައިގެ ވަސް ރަނގަޅުކޮށްދޭ، ކޮބަޑި ފިލުވައިދޭ ދަތްތަކަށް ފަރުވާ ދޭ އެއްޗަކަށް ހަދަން ވާނެއެވެ. ދަތް އުނގުޅަން އެންމެ ރަނގަޅު އެކައްޗަކީ މިސްވާކުކަން ސައިންސުގެ ތަހުލީލުތަކުން އެނގެއެވެ. އަދި މިސްވާކާ ބެހޭ ގޮތުން صَلَّىٰ اللهُ عَلَيْهِ وَسَلَّم ކުރެއްވި ޙަދީޘްފުޅުގައި މުސްލިމުންނަށް އުފާވެރިކަމުގެ ޚަބަރެއް ވެސް ދެއްވައިފައި އޮވެއެވެ. «السِّواكُ مَطهرةٌ للفمِ، مَرضاةٌ للرَّبِّ» (البخاري: 889) މާނައީ: "މިސްވާކުން އަނގަ ސާފުކޮށްދެއެވެ. ރައްބުގެ ރުހުން ލިބެއެވެ." ދަތް އުނގުޅަން އާދަކުރުމަކީ ކޮންމެ އިންސާނަކު ވެސް ކުރަން ވާނެ ކަމެކެވެ. އެ ކަމަށް ތަމްރީނުދެވޭ އުމުރަކީ ކުޑައިރެވެ. މައިންބަފައިންގެ ކިބައިގައި ވެސް މި ކަމުގެ އާދަ ގިނަ ފަހަރު ހަރުލާފައި ނުހުންނަކަން ފާހަގަ ކުރެވެއެވެ. އާދަވެ ދުވާލަކު އެއް ފަހަރު ދަތް ނޫނގުޅައެކޭ ނުދަންނަވަމެވެ. މި ދަންނަވަނީ އެއަށްވުރެ ގިނައިން ދަތް އުނގުޅުމުގެ އާދަ އަޅުގަނޑުމެންގެ ކިބައިގައި މަދު ކަމުގެ ވާހަކައެވެ. މި ކަމަށް އާދަ ހިފޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ. ދަތްއުނގުޅުމަކީ ހާދަ މުހިންމު ކަމެކެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ