ޝިއުނާ ބުރުގާ ނާޅާއިރުގެ ފޮޓޯއެއް އާންމުކުރުމުން ކުރީގެ ނައިބުރައީސް، ޖަމީލުއަށް ދައުވާކުރަނީ ޝިއުނާ ބުރުގާ ނާޅާއިރުގެ ފޮޓޯއެއް އާންމުކުރުމުން ކުރީގެ ނައިބުރައީސް، ޖަމީލުއަށް ދައުވާކުރަނީ

ޕީއެންސީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓު، މަރިޔަމް ޝިއުނާ ބުރުގާ ނާޅާއިރުގެ ފޮޓޯއެއް އާންމުކުރި މައްސަލައިގައި ކުރީގެ ނައިބުރައީސް، މުހައްމަދު ޖަމީލު އަހުމަދާ ދެކޮޅަށް ދައުވާކުރަން ހުށަހަޅައިފި އެވެ.
ސޯޝަލްމީޑިއާގައި ޝިއުނާކުރި ޕޯސްޓެއްގައި ބުނީ އޭނާ ބުރުގާ ނާޅާއިރުގެ ފޮޓޯތައް ސޯޝަލްމީޑިއާގައި އާންމުކުރަމުންދާ މައްސަލައިގައި ޖަމީލުއާ ދެކޮޅަށް ދައުވާކޮށް ޖަމީލުގެ އަމަލުގެ ސަބަބުން ގެއްލިފައިވާ ހައްގު ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
"މުހައްމަދު ޖަމީލު އަހުމަދު ސޯޝަލްމީޑިއާގައި ސިޔާސީ ބޭނުމަށް އަޅުގަނޑަށް ފުރައްސާރަކޮށް ހިޖާބު ނުވާއިރުގެ ފޮޓޯތައް އާންމުކޮށް ހަދަމުންދާ މައްސަލައިގައި ޖަމީލުއާ ދެކޮޅަށް ދައުވާ ކުރުމަށް އަދި ގެއްލިފައިވާ ހައްގުތައް ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފިން،" ޝިއުނާ ކުރި ޕޯސްޓުގައި ބުންޏެވެ.
ޖަމީލުއާ ދެކޮޅަށް ޝިއުނާ ދައުވާ ކުރަން ހުށަހަޅާފައި މި ވަނީ، މިދިޔަ ހޮނިހިރު ދުވަހު ޖަމީލު ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. ޝިއުނާގެ ކުރީގެ ފޮޓޯއަކާއި ފަހުގެ ފޮޓޯއަކާއެކު ޖަމީލު ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ އަލް ހުޖުރާތު ސޫރަތުގައި ދޮގު ހަބަރު ފަތުރާ މީހުންނާ ގުޅޭގޮތުން އައިސްފައިވާ އާޔަތެއްގެ މާނަ ހިއްސާ ކުރައްވައިފަ އެވެ.
ޖަމީލު އެ ޕޯސްޓު ކުރެއްވީ، ޕީއެންސީގެ އެކްޓިވިސްޓުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވެބްސައިޓެއްގައި ކުރީގެ ރައީސް، އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ތާއީދާއެކު މާލޭގެ މޭޔަރުކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އިސްމާއީލް ޒަރިޔަންދުއާ ގުޅޭގޮތުން ދޮގު ހަބަރެއް ފެތުރުމާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް، ޔާމީންއާ ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު، މުއިއްޒުއަށް ޔާމީނު ކުރެއްވި ތާއީދު އަނބުރާ ގެންދިޔުމާ ގުޅިގެން އެ ދެ ބޭފުޅުންނަށް ތާއީދުކުރައްވާ ބޭފުޅުންގެ މެދުގައި ހޫނު ޒުވާބުތައް ދޭތެރެދޭތެރެއިން ހިނގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ