ސުޝްމިތާއަށް އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީއެއް

އިންޑިއާގެ ކުރީގެ މިސް ޔުނިވާސް އަދި ބަތަލާ ސުޝްމިތާ ސެންއަށް އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީގެ ޝަރަފު އަރުވައިފިއެވެ. ސުޝްމިތާއަށް އޮނަރަރީ ޑޮކްޓަ އޮފް ލެޓާސް ޑީގްރީގެ ޝަރަފު އަރުވާފައިވަނީ އިންޑިއާގެ ވެސްޓް ބެންގާލްގެ ޓެކްނޯ އިންޑިއާ ޔުނިވަސިޓީއިންނެވެ. ބަތަލާއަށް މި ޝަރަފު އަރުވާފައިވަނީ މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުރުން އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. އިންޑިއާއަށް 1994 ވަނަ އަހަރު މިސް ޔުނިވާސްގެ ތާޖު ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްދިން ސުޝްމިތާއަށް ލިބުނު މަޝްހޫރުކަމާ އެކު ފިލްމީ ދާއިރާއިން ގިނަ ފުރުސަތުތަކެއް އޭރު ބަތަލާއަށް ވަނީ ލިބިފައެވެ. ނަމަވެސް, ފިލްމު އިންޑަސްޓްރީގައި މާބޮޑު ކާމިޔާބީއެއް ނުލިބި ފަހުން ސުޝްމިތާ ފިލްމުތަކުން ފެންނަ މިންވަރު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. އިންޑިއާގެ ބަތަލާ އަދި ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެން އެކްޓަރު ސަންޖޭ މިޝްރާއާ އެކު--ފޮޓޯ/އިންސްޓަގްރާމް ފިލްމީ ދާއިރާއިން މާބޮޑު ކުރިއެރުމެއް ނުލިބުނު ނަމަވެސް ސުޝްމިތާ ފާހަގަކުރެވެނީ އަންހެނުންނަށް ކުރިމަތިވާ ތަފާތު އެކި ކަހަލަ އިޖުތިމާޢީ މައްސަލަތަކުގެ އިތުރުން އަންހެނުން ބާރުވެރި ކުރުވުމަށް ވަކާލާތު ކުރަމުން އައި ފިލްމީ ތަރިއެއްގެ ގޮތުގައެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވުމާއި، ލޮލުގެ ފެނުން މަހުރޫމުވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ވިޓިލިގޯ ނުވަތަ ހުދު ބަލި ޖެހިފައިވާ މީހުންނަށް އެހީވެ އެ ބައްޔާމެދު އާއްމުން ހޭލުންތެރި ކުރުވުން ހިމެނެއެވެ. މީގެ އިތުރުން, ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ އެ ބައްޔާ ބެހޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތައް ވެސް ބަތަލާ އަންނަނީ ހިންގަމުންނެވެ. ސުޝްމިތާގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކުން އާއްމުކޮށް ސަޕޯޓިން ރޯލްތަކުން ފެންނަ އެކްޓަރު ސަންޖޭ މިޝްރާއަށް ވެސް އިންޑިއާގެ ވެސްޓް ބެންގާލްގެ ޓެކްނޯ އިންޑިއާ ޔުނިވަސިޓީއިން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޑޮކްޓަރޭޓް ޑިގްރީގެ ޝަރަފު ވަނީ އަރުވާފައެވެ. ފިލްމު "ދަސްތަކް"އިން 1996 ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފުވި ބަތަލާގެ ފިލްމެއް އެންމެ ފަހުން ރިލީޒްކުރީ 2015 ވަނަ އަހަރެވެ. އޭގެ އަހަރުތަކެއް ފަހުން 2024ގައި ސުޝްމިތާ ވަނީ ޓެލެވިޒަން އިންޑަސްޓްރީއާ ގުޅި ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް "އާރްޔާ" ބެލުންތެރިންނަށް ގެނެސްދީފައެވެ. މިހާތަނަށް މި ވެބް ސީރީސްގެ ތިން ސީޒަނެއް ބެލުންތެރިންނަށް ގެނެސްދީފައިވާއިރު ހަތަރުވަނަ ސީޒަނަކަށް ބެލުންތެރިން އަންނަނީ އިންތިޒާރު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ