މިމަހު 21 އިން ފެށިގެން ދުނިޔޭގެ 75 ގައުމެއްގެ ރައްޔިތުންނަށް އެމެރިކާގެ "އިމިގްރަންޓް ވިސާ" ނުވަތަ އެ ގައުމުގައި ދާއިމީކޮށް ވަޒަންވެރިވުމަށް ދޫކުރާ ވިސާ ދޫކުރުން، ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.
އެމެރިކާގެ އޮފިޝަލުން ހާމަކުރި ގޮތުގައި، މި ސަސްޕެންޝަން ހަމައެކަނި ހިމެނެނީ ދާއިމީ ރެސިޑެންސީ ނުވަތަ "ގްރީން ކާޑަށް" މަގުފަހިވާ އިމިގްރަންޓް ވިސާތަކަށެވެ. ފަތުރުވެރިކަމާއި، ކިޔެވުމާއި، ވިޔަފާރި އަދި ވަގުތީ މަސައްކަތްތަކަށް ދޫކުރާ "ނޮން-އިމިގްރަންޓް" ވިސާތައް ދޫކުރުމުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް އެ ގައުމުން ބުނެއެވެ.
މި ލިސްޓުގައި އެފްރިކާ، އޭޝިއާ، މެދުއިރުމަތި، ޔޫރަޕް އަދި އެމެރިކާ ބައްރުގެ ގައުމުތައް ހިމެނޭއިރު، މީގެ ތެރޭގައި ދެކުނު އޭޝިއާގެ ބައެއް ގައުމުތައްވެސް ހިމެނެއެވެ. ވިސާއަށް އެދި ހުށަހެޅުމާއި އިންޓަވިއުތައް ކުރިއަށް ގެންދިޔަ ނަމަވެސް، މި މުއްދަތުގެ ތެރޭގައި އެއްވެސް އިމިގްރަންޓް ވިސާއެއް ދޫނުކުރާނެއެވެ. އަދި މި ނިންމުމަށް އަމަލުކުރުން ހުއްޓާލާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މި ބަދަލަކީ އިމިގްރޭޝަން ސްކްރީނިންގް ނުވަތަ މީހުން ބަލައި ފާސްކުރާ ނިޒާމު މުރާޖައާކޮށް، އަލަށް ވަޒަންވެރިވާ މީހުންނަކީ ކަނޑައެޅިފައިވާ އާ މިންގަނޑުތަކަށް ފެތޭ ބައެއްކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅެކެވެ. އަދި މިހާރު ދޫކޮށްފައިވާ ވިސާތައް ބާތިލު ނުވާނެ ކަމަށާއި، އެ ވިސާތައް ބޭނުންކޮށްގެން އެމެރިކާއަށް އެތެރެވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
އެމެރިކާގެ އިމިގްރޭންޓް ވިސާ-- ފޮޓޯ/ ދަ އަރަބިއަން ސްޓޯރީޒް
ނަމަވެސް، މި ނިންމުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އިމިގްރޭޝަން އެޑްވޮކޭޓުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، މި ސަސްޕެންޝަންގެ ސަބަބުން އާއިލާތައް ވަކިވެ، ވަޒީފާގެ ފުރުސަތުތަކަށް ހުރަސް އެޅި، ގާނޫނީ ހަމަތަކުގެ މަތިން ހިޖުރަކުރަން ބޭނުންވާ އެތައް ބައެއްގެ އުންމީދުތައް ވެސް ގެއްލިގެންދާނެއެވެ.
މި ލިސްޓުގައި ނުހިމެނޭ ގައުމެއްގެ ޕާސްޕޯޓު އޮންނަ، ދެ ގައުމެއްގެ ރައްޔިތުންނަށް (ޑުއަލް ސިޓިޒެންސް) މި ސަސްޕެންޝަނުން އިސްތިސްނާ ލިބުމުގެ ފުރުސަތު އޮތްއިރު، މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެއެވެ.
އެމެރިކާގެ އިމިގްރޭޝަން ސިޔާސަތުތަކާ މެދު ބޮޑެތި ބަހުސްތަކެއް ކުރެވެމުންދާ މި ދަނޑިވަޅުގައި، މި ނިންމުމަކީ ކުރިއަށް އޮތް މަސްތަކުގައި ދާޚިލީ އަދި ބައިނަލްއަގުވާމީ ގޮތުން ބޮޑު ސަމާލުކަމެއް ލިބޭނެ ކަމެއް ކަމަށް ބެލެވެއެވެ.
މިމަހު 21 އިން ފެށިގެން 75 ގައުމަކަށް އެމެރިކާގެ އިމިގްރަންޓް ވިސާ ނުދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ