ކައުންސިލާއި ޑަބްލިއުޑީސީއަށް ވާދަކުރަން، 2 ދުވަހުން ހުށަހެޅީ ސަތޭކައެއްހާ ފޯމު
ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރަން މިހާތަނަށް ހުށަހަޅާފައިވަނީ 100 އެއްހާ ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ. އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ އެ އިންތިޚާބުތަކުގައި ވާދަކުރުމަށް ހުޅުވާލީ، މީގެ ދެ ދުވަސް ކުރިން މިދިޔަ ހޮނިހިރުގައެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހު އެއްވަނަ ދުވަހުގެ 15:30 އަށެވެ. https://sun.mv/216786 'ސަން'އިން ސުވާލުކުރުމުން، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙު ރަޝީދު މިއަދު ވިދާޅުވީ، މިހާތަނަށް އެ އިންތިޚާބުގައި ވާދަކުރުމަށް ސަތޭކައެއްހާ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެއީ، ކޮންމެ އިންތިޚާބަކަށް ވަކިން ފަންސާހެއްހާ ފޯމު ކަމަށް ޞަލާހު ވިދާޅުވިއެވެ. އިންތިޚާބެއްގައި މީހަކު ވޯޓުލަނީ -- ފޮޓޯ/ މޫސާ ނަދީމް މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުންނާއި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބުކުރާނެއެވެ. ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރަން ގާނޫނުއަސާސީއަށް މި ފަހުން ގެނައި އިސްލާހާ އެކު 132 ރަށެއްގައި އިންތިޚާބުކުރާނީ ކައުންސިލް ރައީސާއި އަންހެނުންނަށް ޚާއްސަ މެންބަރު ހިމެނޭހެން ޖުމުލަ ތިން ކައުންސިލަރުންނެވެ. އަދި، ކައުންސިލް ރައީސާއި ދެ އަންހެން މެންބަރުން ހިމެނޭހެން ފަސް ކައުންސިލަރުން 46 ރަށަކަށް އިންތިޚާބުކުރާނެއެވެ. އީސީން ބުނި ގޮތުގައި، އިންތިޚާބަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އޮންލައިން ޕޯޓަލަށް އީފާސް މެދުވެރިކޮށް ވަދެވޭނެ ކަމަށެވެ. އެ ގޮތުން، އިންތިޚާބަށް ކުރިމަތިލަނީ ސިޔާސީ ޕާޓީއަކުން ކަމަށް އިޚުތިޔާރުކޮށްފިނަމަ، އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު އެންޑޯޒްކުރުމަށް ރިކުއެސްޓެއް ދާނެ ކަމަށާއި ސިޔާސީ ޕާޓީތަކުން އެފަދަ ރިކުއެސްޓުތަކާ މެދު ގޮތެއް ނިންމަނީ ސިމެދަ ޕޯޓަލުން ކަމަށް، ކޮމިޝަނުން ބުންޏެވެ. އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން މަދުވެގެން 50 މީހުންގެ ތާއީދު ހޯދަން ޖެހޭނެކަން ފާހަގަކޮށް އެކަން ކުރާނެ ގޮތް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކިޔައިދީފައެވެ. އެ ގޮތުން، އެ ކެންޑިޑޭޓަކަށް ތާއީދު ދޭން ބޭނުންނަމަ، ނުވަތަ ނޫން ނަމަ ދާއިރާގެ ރައްޔިތުން އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލަށް ވަދެ، ތާއީދު ދިނުމަށް ނުވަތަ ނުދިނުމަށް ކަނޑައެޅޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. https://sun.mv/216846 އެކަމަކު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުން 50 މީހުންގެ ތާއީދު ހޯދާކަށް ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އީސީން އާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައި ވާގޮތުން މި އަހަރުގެ ކައުންސިލް އިންތިޚާބުގައި ޖުމުލަ 294،937 މީހުންނަށް ވޯޓުލެވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150،410 ފިރިހެނުންނާއި 144،527 އަންހެނުންނެވެ. އީސީން ބުނި ގޮތުގައި، އިންތިޚާބުގެ ވޯޓު ލުން އޮންނާނީ، އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހުގެ 08:00 އިން 16:00އަށެވެ. އެ އިންތިޚާބުގެ ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ، 30 މިނެޓުގެ ހުސް ވަގުތުކޮޅަކަށް ފަހުގައި ކަމަށްވާއިރު، ރަސްމީ ނަތީޖާ އިއުލާނުކުރާނީ، އަންނަ އޭޕްރީލް 11 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ