ސްރީލަންކާސް ގޮޓް ޓެލެންޓުގައި އަނެއްކާ ވެސް ދިވެހި ކުއްޖެއްގެ ހުނަރު، ދެވަނަ ބުރަށް
މަޝްހޫރު ފްރެންޗައިޒް ޝޯ ގޮޓް ޓެލެންޓްގެ، ސްރީލަންކާސް ގޮޓް ޓެލެންޓުގައި އަނެއްކާ ވެސް ދިވެހި އަންހެން ކުއްޖަކު ބައިވެރިވެ ހުނަރު ދައްކައިލައި ދެވަނަ ބުރަށް ގޮސްފިއެވެ. މިފަހަރު މި މުބާރާތުގައި ބައިވެރިވެފައިވަނީ ސްރީލަންކާގައި ދިރިއުޅެމުން އަންނަ އުމުރުން 17 އަހަރުގެ މަރިޔަމް މިސްކްއެވެ. މުބާރާތުގެ އެންމެ ފުރަތަމަ ބުރުގައި، ފަނޑިޔާރުންގެ ކުރިމަތީ ބޭއްވި އޮޑިޝަންގައި މިސްކް ބައިވެރިވެ ހުށަހަޅައިދިނީ، އިންޑިއާގެ ލަވަކިޔުންތެރިޔާ ސުނީދީ ޗައުހާންގެ "ކައިސީ ޕަހޭލީ ޒިންދަގާނީ" އެވެ. ލަވަ ހުށަހެޅުމާއެކު، ރަނގަޅު ކުރަންވީ ކަންކަން ވެސް ފަނޑިޔާރުންގެ ފަރާތުން މިސްކަށް ބުނެދިންއިރު، އޭނާ ދެވަނަ ބުރަށް ދިޔައީ ޖުމްލަ ހަތަރު ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ ވޯޓާއެކުގައެވެ. "ސަން"އަށް އިތުރު މައުލޫމާތު ދެމުން މިސްކުގެ އާއިލާއިން ބުނީ މިސްކަކީ އަބަދުވެސް މަދަހައާއި، ޅެން ކިޔާ ކުއްޖެއް ކަމަށެވެ. ލަންކާގައި ދިރިއުޅޭތީ، ސޯސަންވިލާގައި ބާއްވާ ކޮންމެ މަދަހަ މުބާރާތެއްގައި ވެސް ބައިވެރިވެ އެކި ވަނަތައް ހާސިލްކުރާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް މީގެ ކުރިން ސޯސަންވިލާގައި ލަވަ މުބާރާތެއްގައި ބައިވެރިނުވާ ކަމަށާއި، މި ޝޯއަކީ އޭނާ މުޅިން އަލަށް ބައިވެރިވީ ފުރަތަމަ ލަވަ މުބާރާތް ކަމަށް އާއިލާގެ ފަރާތުން ވާހަކަދައްކަމުން މިސްކުގެ މަންމަ ބުންޏެވެ. "ފުރަތަމަ ފަހަރަށް ސްޓޭޖްގައި ލަވަ ކީ، ސޯސަންވިލާއިން ބޭއްވި، ސޯސަން އުފާ ކިޔާ ހަފްލާއެއްގައި،" އޭނާ ބުންޏެވެ. ސްރީލަންކާސް ގޮޓް ޓެލެންޓުގައި ބައިވެރިވި ދިވެހި ކުއްޖެއްކަމަށްވާ މަރިޔަމް މިސްކް މީގެ ކުރީގެ ހަފްލާއެއްގައި -- އޭނާގެ މަންމަ ބުނި ގޮތިގައި މިސްކް އަކީ ގިނަ ކަންކަމުގެ ހުނަރު ހުރި މޮޅު ކުއްޖެކެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގައި އެންމެ ބޮޑު އެހީއެއް ލިބުނީ ސޯސަން ވިލާގައި ޒުވާނުންގެ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ބޭފުޅުންގެ ފަރާތުންނެވެ. މިސްކުގެ އިތުރުން ދިވެހި އެހެން ކުއްޖަކު ވެސް ވަނީ މި މުބާރާތުގައި ބައިވެރިވެ ލަވަ ހުށަހަޅައިފައެވެ. ލަންކާގައި ގިނަ އަދަދެއްގެ ދިވެހީން އަދިވެސް ދިރިއުޅެމުން އަންނައިރު މިފަދަ ފުރުސަތުތަކުގެ ބޭނުން ދިވެހީން ވެސް ހިފާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ