18 ދުވަހުން 129،000 ފަތުރުވެރިން، 10 އިންސައްތައިގެ ކުރިއެރުމެއް

މި އަހަރު ފުރަތަމަ 18 ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް 129،201 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން މިއަދު ދައްކައިފިއެވެ. ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކޮންމެ ދުވަހަކު އާންމުކުރާ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު މިހާތަނަށް 129،201 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 117،532 ފަތުރުވެރިންނެވެ. އެހެންވެ، މިއީ 10 އިންސައްތައިގެ ކުރިއެރުމެކެވެ. މި އަހަރު މިހާތަނަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 7،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ. އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 19،945 ފަތުރުވެރިން އައިއިރު، ދެވަނައިގައި އޮތް އިޓަލީން 14،722 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ވެސް 11،065 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޗައިނާއިން މި އަހަރު އަދި އައީ 8،725 ފަތުރުވެރިންނެވެ. ޖަރުމަނުވިލާތުން ވެސް 8،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު އަވައްޓެރި އިންޑިއާއިން އައީ 4،600 ފަތުރުވެރިންނެވެ. ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮޑުބައެއް ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. އެ ގޮތުން، މި އަހަރު ޒިޔާރަތްކުރި 129،000 ފަތުރުވެރިންގެ ތެރެއިން 88،900 މީހުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައި ކަމަށް ހިސާބުތަކުން ދައްކައެވެ. ދެވަނައަށް 33،000 ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ގެސްޓްހައުސްތަކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ