ވޯލްޑްކަޕް ކުޅޭ 15 ގައުމަކަށް އެމެރިކާއިން ވިސާ ނުދޭން ނިންމައިފި

މިއަހަރު އެމެރިކާއާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބާއްވަން ތައްޔާރުވާ ފީފާ ވޯލްޑްކަޕަށް ކޮލިފައިވެފައިވާ 15 ގައުމަކަށް އެމެރިކާގެ ވިސާ ނުދޭން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންނެވެ. އެ ޑިޕާޓްމަންޓުން ނެރުނު މެމޯގައި ހާމަކޮށްފައިވަނީ 75 ގައުމެކެވެ. އޭގެތެރޭގައި މިފަހަރުގެ ވޯލްޑްކަޕް ކުޅޭ 15 ގައުމު ހިމެނެއެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނީ މި ނިންމުމަކީ ސަލާމަތީގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. މި އަމުރު ތަންފީޒުކުރަން ފަށާ ތާރީހަކީ މިމަހުގެ 21 އެވެ. މި ނިންމުމާއެކު ގިނަ ބައެއްގެ ސުވާލު އުފެދޭ އެއް ކަމަކީ ވޯލްޑްކަޕް ކުޅޭ ގައުމުތަކުގެ ސަޕޯޓަރުން އެމެރިކާއަށް އެތެރެވުމާއި ގުޅޭގޮތުންނެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެ ގައުމަށް ޓޫރިސްޓު ވިސާގައި އެތެރެވެވޭނެ ކަމަށެވެ. ނަމަވެސް ޕާމަނަންޓް ރެޒިޑެންސް ވިސާ ނުލިބޭނެ ކަމަށެވެ. އެހެންކަމުން މުބާރާތުގައި ކުޅޭ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އެ ގައުމަށް އެތެރެވުމުގައި އެއްވެސް ހުއްޓުމެއް ނެތެވެ. އެއީ ވަގުތީ ވިސާ ނުވަތަ ޓޫރިސްޓު ވިސާގައި އެ ގައުމަށް އެތެރެވުމުގެ ފުރުސަތު އޮންނާނެތީއެވެ. އަދި ފީފާއިން މިހާރު ވަނީ އެމެރިކާއާއެކު ވޯލްޑްކަޕް ޓީމުތަކަށް ހާއްސަ ވިސާއެއް ތައާރަފްކުރުމަށް އެމެރިކާއާއެކު މަޝްވަރާކޮށްފައެވެ. އެކަމާ ގުޅޭ ރަސްމީ ނިންމުމެއް އަދި ނުނިންމައެވެ. އެމެރިކާއިން ވިސާ ނުދޭން ނިންމި ގައުމުތަކުގެ ތެރޭގައި ފުޓުބޯޅައިގެ ގަދަބާރު ބްރެޒިލް ހިމެނެއެވެ. އޭގެއިތުރުން މޮރޮކޯއާއި ހެއިޓީ އާއި ސްކޮޓްލަންޑްގެ އިތުރުން ކޮލަމްބިއާ، އައިވަރީ ކޯސްޓް، ޓިއުނީޝިއާ، އުޒްބަކިސްތާން، ޖޯޑަން އަދި އީރާން ފަދަ ގައުމުތައް ހިމެނެއެވެ. އެންމެ ހަރުކަށި ފިޔަވަޅެއް އެޅީ އީރާނަށެވެ. އެ ގައުމުގެ އެއްވެސް ސަޕޯޓަރަކަށް ނުވަތަ ރައްޔިތަކަށްވެސް އެމެރިކާއަށް ނުވަދެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ