ރާއްޖެ ވާދަކުރާ އޭޝިއާގެ ފިރިހެން ނެޓްބޯޅަ މުބާރާތް ފަސްކޮށްފި
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވަން ތައްޔާރުވަމުންދިޔަ އޭޝިއަން މެންސް ނެޓްބޯލް ޗެމްޕިއަންޝިޕް ފަސްކޮށްފިއެވެ. "ސަން" އަށް މައުލޫމާތުދެއްވަމުން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސާ ފަޒްނާ ޖަލީލް ވިދާޅުވީ މުބާރާތް ފަސްކުރަން ނިންމި ނަމަވެސް ފިރިހެން ނެޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް މެދުނުކެނޑި ކުރިއަށްގެންދާނެ ކަމަށެވެ. މުބާރާތް ބާއްވަން ތާވަލުކޮށްފައިވަނީ އަންނަމަހުގެ 3-13 އަށެވެ. ނަމަވެސް ފަސްކުރުމާއެކު މުބާރާތް ބާއްވާނެ ތާރީހެއް އަދި ޔަގީނެއްނޫނެވެ. ފަޒްނާ ވިދާޅުވީ މުބާރާތް ފަސްކުރަން ނިންމީ ދެ ޓީމަކުން މުބާރާތުގައި ވާދަނުކުރަން ނިންމާ، ފަހުވަގުތު ނަން ނެގުމާއި ގުޅިގެންނެވެ. އަދި ހަ ގައުމު ވާދަކުރާނަމަ އަނެއްކާވެސް މުބާރާތް ބާއްވާނެ ތާރީހެއް ޔަގީންވާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އަނެއްކާވެސް މުބާރާތުގައި ވާދަކުރުމުގެ ދައުވަތު ގައުމުތަކަށް ފޮނުވަން އޭޝިއާގެ ނެޓްބޯޅައިގެ މައި އިދާރާއިން ވަނީ ނިންމާފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ރާއްޖޭގެ ގައުމީ ފިރިހެން ނެޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ދަނީ ކުރިއަށެވެ. ޓީމުގެ ހެޑު ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ތަޖުރިބާކާރު ނެޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗު އީމާ ޢަބްދުއްސައްތާރެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި ފިރިހެން ގައުމީ ނެޓްބޯޅަ ޓީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ