އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފި

އެމްބިއުލާންސްގެ ހިދުމަތް ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ރަށްރަށަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ. ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ހިދުމަތް ނުލިބުމުގެ ޝަކުވާއަކީ ވަރަށްގިނަ ރަށްތަކަކުން ލިބޭ ޝަކުވާއެއްކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
މިކަމާ ގުޅޭގޮތުން އެމްޕީއެލުން ބުނީ، މިނިސްޓްރީ އޮފް ހެލްތުން ޙަވާލުކޮށްގެން އެކުންފުނިން ރާއްޖެ ގެނައި އެމްބިއުލަންސްތައް ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ހެލްތުން ވަނީ 56 ރަށަކަށް އެމްބިއުލާންސް ފޮނުވުމަށް އެމްޕީއެލްއާ ހަވާލުކޮށްފައެވެ. 
އަތޮޅުތެރޭގެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސްތައް ގެނައުމުގެ މަސައްކަން ސަރުކާރުގެ ކުންފުނި، އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ތެރޭގައެވެ. މި ޕްރޮޖެކްޓްގެ އަގަކީ 65.3 މިލިއަން ރުފިޔާއެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖެ ގެނައި 56 އެމްބިއުލާންސް ވަނީ އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނާ ރަސްމީކޮށް އިއްޔެ ހަވާލުކޮށްފައެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ އަދި މި އަހަރުގެ ތެރޭގައި އިތުރު 31 ރަށަށް އައު އެމްބިއުލާންސްތައް ގެނެސް، ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ޕެރަމެޑިކް ހިދުމަތް ދިނުމަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެސް، އެ ހިދުމަތް ވެސް ފަށާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ