ސާފް ފުޓްސަލް: ފަހަތުން އަރައި ޕާކިސްތާން ބަލިކޮށް އިންޑިއާ ތާވަލުގެ އެއް ވަނަ އަށް ސާފް ފުޓްސަލް: ފަހަތުން އަރައި ޕާކިސްތާން ބަލިކޮށް އިންޑިއާ ތާވަލުގެ އެއް ވަނަ އަށް

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި ފަހަތުން އަރައި 5-3 އިން ޕާކިސްތާން ބަލިކޮށް، އިންޑިއާ އިން ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން، ސާފް އިން ސަރަހައްދުގެ ގައުމުތަކަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ކުރިއަށްދިޔައީ އަންހެން ޑިވިޝަނުގެ ތިން މެޗެވެ. ރާއްޖެ އަށް މިއަދު ރެސްޓް ދުވަހަކަށްވީއިރު، ބަންގްލަދޭޝް އިން ފުރަތަމަ މެޗުގައި ނޭޕާލް އަތުން 3-0 އިން މޮޅުވި އެވެ. އަދި، ބޫޓާނުން ވަނީ 5-1 އިން ސްރީ ލަންކާ ބަލިކޮށްފަ އެވެ.
އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ލީގު ފޯމެޓަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކުރިއަށްގެންދާއިރު، ޕޮއިންޓު ތާވަލުގެ ކުރީގައި އިންޑިއާ އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަަނައިގައި އޮތް ބަންގްލަދޭޝް އާއި ތިން ވަނައިގައި އޮތް ޕާކިސްތާނަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ބަންގްލަދޭޝް އިން ކުޅުނީ ތިން މެޗެވެ. ޕާކިސްތާނުން ވަނީ، ހަތަރު މެޗު ކުޅެފަ އެވެ.
ބޫޓާނުން ހަތަރެއްގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ނޭޕާލަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ލަންކާ އިން ވަނީ ތިން މެޗުން ޕޮއިންޓެއް ހޯދައިފަ އެވެ. އަދި، ރާއްޖޭން ފަހަތުގައި އޮތީ ކުޅުނު ތިން މެޗުން ބަލިވެ، ޕޮއިންޓެއް ނުލިބި އެވެ.
ޕާކިސްތާންގެ ކެޕްޓަން، ޒަހުރާ ބޮކާރީގެ ގޯލުން އެ ޓީމުން ލީޑުނެގިއިރު، އިންޑިއާގެ އަރްޔާ ދަނަޖީ މޯރްގެ ލަނޑުން އެއްވަރުކުރި އެވެ. ދެ ވަނަ ހާފުގައި ކުޅެން އަރައި، ޕާކިސްތާނުން ދެ ގޯލުގެ ލީޑެއްނެގި އެވެ. މި ލަނޑުތައް ޖެހީ އަޒްވާ ޗޯދަރީ އާއި އަންމޯލް ހީރާ އެވެ.
އިންޑިއާ އިން ފަހަތުން އަރައި މޮޅުވީ، ރިތިކާ ސިންގް، ހުޝްބޫ ކާޝީރާމް ސަރޯޖްގެ އިތުރުން، ދިތީ ކަމްލޭޝް ކަނުންޖޯ ޖެހި ދެ ލަނޑުންނެވެ.
ނޭޕާލް ކޮޅަށް ބަންގްލަދޭޝް އިން ފުރަތަމަ ހާފުގެ ފަހުކޮޅުގައި ދެ ގޯލުގެ ލީޑެއް ނެގި އެވެ، މި ލަނޑުތައް ޖެހީ ކެޕްޓަން ސަބީނާ ކަތުން އާއި ސްރިމޯރުތީ ކްރިޝްނާރާނީ އެވެ. ދެ ވަނަ ހާފުގައި ބަންގްލަދޭޝްގެ އަނެއް ލަނޑު ޖެހީ، ލިޕީ އަކްތަރު އެވެ.
ލަންކާ އަތުން ބޫޓާނުން ފަސޭހަ މޮޅެއް ހޯދި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ، ސުނީތާ ރާއި ޝެރިން ޔަންގްޑެން އަދި ޕެމާ ކުއެންޒަން ޗޮއޭކީގެ އިތުރުން، ލަންކާގެ އަޝާނީ އާއި ދިލިންކާ އަތުން ބައިކޮޅަށް ވަން ދެ ގޯލެވެ. ލަންކާގެ ހަމައެކަނި ލަނޑު ޖެހީ، ތަރިދީ ލިޔަނާގޭ އެވެ.
އަންހެން ޑިވިޝަނުގެ މެޗުތައް ދެން އޮންނާނީ ބުދަ ދުވަހު އެެވެ. އެ ދުވަހު ފުރަތަމަ މެޗުގައި ލަންކާ އާއި ބަންގްލަދޭޝް ކުޅޭއިރު، ދެ ވަނަ މެޗުގައި ނޭޕާލުން ކުޅޭނީ ޕާކިސްތާންއާ އެވެ. އަދި، ފަހު މެޗުގައި ރާއްޖޭން ބައްދަލުކުރާނީ ބޫޓާންއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ