ރަސްމީ ދަތުރުފުޅެއްގައި ޢަބްދުއްރަޙީމް ސަޢޫދީ ޢަރަބިއްޔާއަށް
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ. މަޖިލީހުން ބުނި ގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ގާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު، ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަޖިލީހުން ބުންޏެވެ. https://x.com/mvpeoplesmajlis/status/2013273753216545139 އެބޭފުޅުންގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިޔުޝާ، އަމީން ޢާންމުގެ ނައިބު މުޙައްމަދު ރަޝީދު، ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަޖިލީހުން ބުންޏެވެ. އަބްދުއްރަހީމް މި ދަތުރުފުޅުގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު މިވަގުތު މަޖިލިސް އޮތީ ޗުއްޓީގައެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައި، ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ. އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވައިފައެވެ. https://sun.mv/216646 ފާހަގަކޮށްލެވޭ ގޮތުގައި ހަ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް ވަނީ މިމަހުގެ 13 ވަނަ ދުވަހު ވެސް އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފައެވެ. އެއީ ކޮމަންވެލްތު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ. ޢަބްދުއްރަޙީމް ވަނީ މިދިޔަ ފެބްރުވަރީ މަހު ވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެއީ، އިންޑިއާގެ ލޮކް ސަބާގެ ރައީސް އޯމް ބިރުލާއާއި ގައުމުގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއާމަން ޖަގްދީޕް ދަންކަރުގެ ދައުވަތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ