އަނަންތު އަމްބާނީ އާއި އަންހެނުން ޗުއްޓީއަށް ރާއްޖޭގައި

އިންޑިއާގެ ވިޔަފާރިވެރިޔާ އަދި ބިލިޔަނަރު މުކޭޝް އަމްބާނީގެ ދަރިފުޅު އަނަންތު އަމްބާނީ އާއި އޭނާގެ އަންހެނުން ރާދިކާ މާޗަންތު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އަމްބާނީގެ ބޮއިން 737 ޕްރައިވެޓް ޖެޓު ވަނީ ރާއްޖެ އައިސްފަ އެވެ. އަމްބާނީގެ ދަރިފުޅުގެ ދެމަފިރިންނާ އެކު 50 ވަރަކަށް ބޮޑީގާޑުން ވެސް ރާއްޖެ އައި ކަމަށް، އެއާޕޯޓުން އެމީހުން ފެނުނު ބައެއް މީހުން ބުންޏެވެ.
އަނަންތުގެ ދެމަފިރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކ. އަތޮޅުގައި އޮންނަ މަތީ ފަންތީގެ ރިސޯޓް، ވޮލްޑޯފް އެސްޓޯރިއާ އިތާފުށީގެ ޕްރައިވެޓް އައިލެންޑުގަ އެވެ.
އެ ރިސޯޓުގައި ދެ ސީޕްލޭން ސްޓޭންޑުބައިގައި އޮވެ އެވެ. އެއީ ކަމެއް ދިމާވެއްޖެ ނަމަ އަވަހަށް ގެންދިއުމުގެ ގޮތުންނެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި އެ އާއިލާގެ މެންބަރުން ވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ.
މިދިޔަ އަހަރުގެ ކްރިސްމަސް އާއި އާ އަހަރު އަމްބާނީ އާއިލާގެ އެހެން މެންބަރުން ފާހަގަކުރީ ވޮލްޑޯފް އެސްޓޯރިއާގަ އެވެ.
މީގެ އިތުރުން ނޮވެމްބަރު 2024ގައި އަނަންތު ވަނީ ސޮނެވާ ސީކްރެޓްގައި ޗުއްޓީ ހޭދަކުރަމުން އެ ރިސޯޓު ކައިރީ އޮންނަ ހދ. މަކުނުދުއަށް ވެސް ގޮސްފަ އެވެ. އެފަހަރު އެ ރަށުން އޭނާ ވަނީ ކުކުޅަކާއި މުސަޅު ގަނެފަ އެވެ. އެއީ އޭނާ އިންޑިއާގައި ހިންގާ ޒުލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ