ވޯޓާޕާކު ހިމެނޭހެން އެތައް ޚިދުމަތަކާއެކު، ކަމަދޫގެ "ކާނި ބީޗު" ހުޅުވައިފި
ބީޗަކުން ލިބެންހުންނާނެ ހުރިހާ ޚިދުމަތަކާއެކު، ބ. ކަމަދޫގެ ވޯޓާޕާކާއި "ކާނި ބީޗު" މިއަދު ހުޅުވައިފިއެވެ. ކަމަދޫ ކައުންސިލްގެ ރައީސް ޙަސަން ޒަރީރު 'ސަން'އަށް މިރޭ ވިދާޅުވީ، އެރަށުގެ ލޯކަލް ބީޗާއި ވޯޓާޕާކު ހުޅުވީ ހުރިހާ އުމުރުފުރައަކަށް ވެސް ހިތްހަމަޖައްސާލެވޭނެ ވަސީލަތްތަކާއެކު ކަމަށެވެ. ޒަރީރު ވިދާޅުވީ ހުރިހާ އުމުރުފުރައަކަށް ޚާއްސަކޮށް ގޮނޑިއާއި، މޭޒާއި، ޖޯއްޔާއި، އުނދޯލީގެ އިތުރުން ހަޓުތައް ވެސް ބީޗުގައި ހުންނާނެ ކަމަށެވެ. ހަމައެއާއެކު ބާބަކިއު ހަދާ ފަރާތްތަކަށް ޚާއްސަކޮށް އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް މަސްކަނޑާ ތަނެއްވެސް ތަރައްގީކޮށްފައި ހުންނާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ. ކަމަދޫގައި އަލަށް ހުޅުވި ބީޗުގައި ކުޑަކުދިންތަކެއް އުނދޯލިމަތީ --- ފޮޓޯ: ކަމަދޫ ކައުންސިލް އޭނާ ވިދާޅުވި ގޮތުގައި މޫދަށް އެރޭ ފަރާތްތަކަށް ފެންވެރުމުގެ އިންތިޒާމުވެސް ބީޗުގައި ހަމަޖެހިފައިވާނެއެވެ. އަދި ކުޑަކުދިންނަށް ކުޅެވޭ ގޮތަށް ވޯޓާ ޕާކެއް ތަރައްގީކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. މި ބީޗު ތަރައްގީކުރުމަށް މިލިއަނެއްހާ ރުފިޔާ ޚަރަދުވިއިރު، ކައުންސިލްގެ ބަޖެޓުން ހަތަރުލައްކައާއި ބައިމިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވި ކަމަށް، ޒަރީރު ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ މި ރަށުގެ ލޯކަލް ޓޫރިޒަމް ފުޅާވެގެން ދިޔައިރު ޓޫރިސްޓް ބީޗެއް މި ރަށުގައި ކަނޑައެޅިފަ އެބައޮތް. ނަމަވެސް އަޅުގަނޑުމެން މި ދައުރުގެ ހުވާކޮށްފަ ފަސް އަހަރުގެ ތަރައްގީ ޕްލޭން ރައްޔިތުންނާ މަޝްވަރާކޮށްފަ ހެދިއިރު [އެނގުނީ] އާންމުން މަޖާކޮށްލައި މޫދަށް އެރޭނެ ސަރަހައްދެއް ނެތްކަން،" އޭނާ ވިދާޅުވިއެވެ. އެހެންވެ، ރައްޔިތުންނަށް ލޯކަލް ބީޗެއް ތަރައްގީކުރަން ޚިޔާލަށް އައީ ކަމަށް ޒަރީރު ވިދާޅުވިއެވެ. ޒަރީރު ވިދާޅުވީ މި މަސައްކަތް ނިންމާލެވުނީ މިހާރު ހިނގަމުން އަންނަ ކައުންސިލްގެ ދައުރު 2021ވަނަ އަހަރުގެ މޭ މަހު ފެށުނީއްސުރެ ބަޖެޓު ހޯދަމުން އައިސް ކަމަށެވެ. މިހާރުވެސް ޗުއްޓީގައި ފަތުރުވެރިންނާއި ދިވެހީން ކަމަދުއަށް ޒިޔާރަތްކުރާކަން ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ މިދިޔަ ހަފުތާގައި 300އެއްހާ ގެސްޓުން އެ ރަށަށް ޒިޔާރަތްކުރި ކަމަށެވެ. ހަމައެއާއެކު މި ލޯކަލް ބީޗާއި ވޯޓާޕާކު ހުޅުވުމުގެ ސަބަބުން ރަށަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ