ވިދިވިދިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން އިޓަލީ ކެޓުމުން ސަރުކާރުގެ ޕްރެޝަރު ކުރަން ފެށުމުންނާއި ފާޑުކިއުންތައް އަމާޒުވާން ފެށުމުން އެގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ގަބްރިއެއްލާ ގްރަވީނާ އިސްތިއުފާ ދީފި އެވެ.
އޭނާ އިސްތިއުފާ ދިނީ ދައުރުގައި ހުސްވި އަހަރު ފެށި އައު ދައުރުގައި ބާކީ ތިން އަހަރު އޮއްވަ އެވެ. އިސްތިއުފާ ދިނުމަށް އެންމެ ބޮޑަށް މަޖުބޫރުވީ އައު ލީޑަރޝިޕަކަށް ފުރުސަތު ދިނުމަށް އިންތިހާބު ބޭއްވުމަކީ މިވަގުތު މުހިންމު ކަމެއް ކަމަށް އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު އަންދްރެއާ އަބޯޑީ ގޮވާލެއްވުމުންނެވެ.
2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވި އިރު ވެސް ރައީސް ކަމުގައި ހުރި ގްރަވީނާގެ އިސްތިއުފާއާއެކު އައު ރައީސަކު ހޮވަން އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިންތިހާބު ބާއްވާނީ ޖޫން 22 ވަނަ ދުވަހު އެވެ.
ގްރަވީނާ އަކީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާގެ ރައީސް އެލްގެޒެންޑާ ސެފެރިންގެ އެއް ނާއިބް ރައީސެވެ. އޭނާގެ އިސްތިއުފާއާއެކު ސެފެރިން ވަނީ އެއީ ސިޔާސީ ޕްރެޝަރު އެލުކެވޭ އިސްތިއުފާ އެއް ކަމަށް ވިދާޅުވެފަ އެވެ.
"އެއީ (ކޮންމެ ގައުމެއްގައި ވެސް ހިނގާނެ ފަދަ) އާދައިގެ ސިޔާސީ ޕްރެޝަރު، އޭނާ އަކީ އަހަރެންނަށް ވަރަށް މުހިންމު މީހެއް. އަހަރެން އުއްމީދު ކުރަނީ އޭނާ (ޔޫއޭފާގެ)ގެ މަގާމުގައި ހުރުމަށް ފުރުސަތު ދޭނެ ކަމަށް،" ސެފެރިން ވިދާޅުވި އެވެ.
ގްރަވީނާ ޔޫއޭފާގެ އެއް ނައިބް ރައީސަކަށްވީ އިޓާލިއަން ފުޓްބޯޅަ ފެޑަރޭޝަނުގެ ފަރާތުންނެވެ. ނަމަވެސް އައު ލީޑަރޝިޕުން އޭނާ އެ މަގާމުގައި ހުރުމަށް ދެކޮޅު ނުހަދާނަމަ ސެފެރިން ބޭނުންވާ ގޮތް ވެދާނެ އެވެ.
ގްރަވީނާއާއެކު ގައުމީ ޓީމު ޑެލިގޭޝަނުގެ އެންމެ އިސްވެރިޔާ އަދި ކުރީގެ ކީޕަރު ޖިއާން ލުއިޖީ ބުފަން ވެސް ވަނީ އިސްތިއުފާ ދީފަ އެވެ. އަދި ކޯޗު ގެނާރޯ ގަޓޫސޯ ވެސް ދާދި އަވަހަށް އިސްތިއުފާ ދޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
"މިވަގުތު އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން. އެއީ ދެން އަންނަ ބަޔަކު މިނިވަން ކަމާއެކު އެ މީހުން ބޭނުންވާ ބަޔަކު އިހްތިޔާރު ކުރުމަށް ފުރުސަތު ދޭން ޖެހޭ. ގައުމީ ޓީމު ތަމްސީލު ކުރުމަކީ ފަހުރެއް،" 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކުރީގެ ކީޕަރު ބުންޏެވެ.
ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިނުވެ ދިޔަ މިއީ ވިދިވިދިގެން ތިން ވަނަ ފަހަރެވެ. ޖޫން މަހު އެމެރިކާގައި އޮންނަ މުބާރާތުން އިޓަލީ ކެޓީ ޕްލޭއޯފްގައި ބޮސްނިއާ އަތުން ބަލިވުމުންނެވެ. މިކަމާ ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ މިއީ އިޓަލީގެ ފުޓްބޯޅައިގެ ނިޒާމް ބަދަލު ކުރަން އެންމެނަށް ފެންނަން އޮތް ވަރަށް ސާފު ހެއްކެއް ކަމަށާއި ބަދަލުތައް ފަށަން ޖެހެނީ ލީޑަރޝިޕާ ހިސާބުން ކަމައެވެ.
އިޓަލީ ވޯލްޑް ކަޕުން ކެޓުން: ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އިސްތިއުފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ