މަލަކުލްމައުތު ތިބާއަށް ނުދެއްވަވާނެ ފުރުޞަތު އެނގޭއިރު އެފުރުޞަތަށް އުންމީދުކޮށްގެން ހުންނަނީ ކީއްވެ؟

މަރުވާނެކަން ޔަޤީންވުމުގެ އިތުރުން ފުރާނަ ހިއްޕަވާ ވަޤުތު ކަންކަން ހިނގާނެ ގޮތް ޙަދީޘްފުޅުތަކުން ވަރަށް ރަގަޅަށް އެނައޮތެވެ. އެހެންކަމާއިއެކުވެސް ގިނަ ބައަކަށް އެކަންކަމަށް ވިސްނައިވެސް ނުލެވެއެވެ. އެފަދަ މީހުންނަކީ އާޚިރަތް އެދޭ މީހުން ކަމުގައިވާނެ ހެއްޔެވެ؟ 
މަރުގެ މަލާއިކަތާ މަރުހިއްޕަވަން ވަޑައިގަތުމުން ކޮންމެ މީހަކުހެން އެދި އާދޭސްކުރާނީ ދުނިޔޭގައި ދުވަސްކޮޅަކު މަޖާކޮށްލަން ބަހައްޓަވައިދެއްވެވުމަކަށް ނޫނެވެ. އޭނާ އެދި އާދޭސްކުރާނީ ތައުބާވެ ﷲ ތަޢާލާއަށް ވީހާ ގިނަ އަޅުކަންކޮށްލާނެ ފުރުޞަތަކަށެވެ. އެންމެ ސަޖިދައެއް ނަމަވެސް ކޮށްލާނެ ފުރުޞަތަކަށެވެ. 
ވީމާ އަޑުއަހާށެވެ! މަރުގެ މަލާއިކަތާ ފެނުމުން އެންމެ ގިނަ ބައަކު ބޭނުންވާނީ އަދި ހަމަ އެންމެ އަޅުކަމެއް ނަމަވެސް ކޮށްލުމުގެ ފުރުޞަތު ދެއްވެވުމަށެވެ. އޭނާގެ ކައިރީގައި ތިބޭ މީހުންނަށް އެއަޑުތައް ނުއިވުނު ނަމަވެސް އެއަޑު ބާރުކަމުން ގަސްތަކަށާއި ޖަންގަލީގައި އުޅޭ ޖަނަވާރުތަކަށާއި ދޫނިތަކަށްވެސް އަޑުއިވޭނެއެވެ. 
މިގޮތަށް މިކަންތައް މެދުވެރިވަނީ ރަސޫލް ﷺ ގެ ޙަދީޘްފުޅުތަކާއި ބީރައްޓެހިކަން ބޮޑުވުމުންނެވެ. 
ރަސޫލް (ﷺ)ގެ ޙަދީޘްފުޅުގައި އޮތީ މިއަދު ކުރެވެން އޮތް އެއްވެސް ހެޔޮކަމެއް މާދަމައަށް ފަސްނުކުރުމަށެވެ.  އެދުވަހަކު ކުރެވެންހުރި ހުރިހާ ހެޔޮޢަމަލުތައް ނިދުމުގެކުރިން ކުރުމަށެވެ. 
އެގޮތަށް އެކަން ނުކުރީމާ މެދުވެރިވާ ގޮތުގެ ކުޑަމިސާލެއް ވެސް ބުނެދޭނަމެވެ. ތިބާގެ ތިޖޫރީތަކާއި އެކައުންޓުގައި ހުރި ފައިސާއިން 100000 ރިޔާލަ މިއަދު ޞަދަޤާތް ކުރެވެން އެބައޮތެވެ. ނަމަވެސް ތިބާ ޤަޞްދުކުރީ އެކަން މާދަމާ ކުރަން ފަސްކުރާށެވެ! މާދަމާ އައިސް އެކަން ނުކުރެވި އުޅެނިކޮށް ތިބާ މަރުވެއްޖެނަމަ އެ ފައިސާއިން ތިބާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 
އެ ފައިސާ މިއަދު ޞަދަޤާތް ނުކުރެވުނުކަން އެއީ ޤިޔާމަތް ދުވަހު އެންމެ ބޮޑު ހިތާމައެއް ކުރަން ޖެހިދާނެ ކަމަކަށް ވެގެން ދިއުން އޮންނާނީ ދާދި ގާތުގައެވެ. މިސާލަކަށް މީޒާނުގައި އަމަލުތައް ކިރާއިރު ތިބާއަށް މަދުވީ އެންމެ ހެޔޮ ކަމަކަށް ވެދާނެއެވެ! އެ ފައިސާ ޞަދަޤާތް ކުރެވިފައިވީނަމަ މީޒާނުގައި ތިބާގެ ހެޔޮ ކަމުގެ ކޮޅަށް ބަރުވުމުގެ ފުރުޞަތު އެބަ އޮތެވެ. އެކަން ކުރެވިފައި ނެތުމަކީ ތިބާއަށް ނަރަކައަށް ވަންނަން ޖެހޭ ސަބަބަކަށްވެސް ވެދާނެއެވެ! ވީމާ އެއްވެސް ހެޔޮ ކަމެއް ކުރުން މާދަމާއަށް ފަސް ނުކުރާށެވެ! ދިރިހުރި ދުވަހު އެކަންކޮށް ނިންމައިލާށެވެ!
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ