ޔާމީން 52 މިލިއަން ދައްކަން ކުރި އަމުރު ހައި ކޯޓުން ބާތިލުކޮށްފި

ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވެ، އިއްވި ހުކުމުގެ މަހެއް ފަހުން، އެ މައްސަލައާ ގުޅިގެން 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުރި އަމުރު ހައި ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.
މައްސަލައިގެ ފެށުން - މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމްކުރީ މިދިޔަ ޑިސެމްބަރު 25ގަ އެވެ. ނަމަވެސް، އެ މައްސަލައިގައި ލޯންޑާކުރި 52 މިލިއަން ރުފިޔާ ހަ މަސްދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ކްރިިމިނިލް ކޯޓުން އަމުރު ކުރީ މިދިޔަ ފެބްރުއަރީ 23ގަ އެވެ. އެގޮތުން:
މި އަމުރަކީ އިޖުރާއަތްތަކާ ހިލާފަށް ނެރުނު އަމުރެއް ކަމަށް ބުނެ ޔާމީންގެ ފަރާތުން އެ އަމުރު ހައި ކޯޓުގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު އިސްތިއުނާފުކުރި
މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ 30ގައި ނިންމާލި
ވީ ކިހިނެއް؟ - މިއަދު ހައި ކޯޓުގައި އޮތީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުމެވެ.
ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރެއްވި ހުކުމުގައި ވަނީ، އާރަށު މައްސަލައިގެ ތެރެއިން ދައުލަތަށް ލިބެން ޖެހޭ 52 މިލިއަން ރުފިޔާ ކަމަށް ބުނެ، އެ އަދަދު ދެއްކުމަށް، މައްސަލައިގެ ޝަރީއަތް ނިމުނުތާ އެއް މަސް ފަހުން ވަކިން ނެރުނު އަމުރަކީ އިޖުރާއަތުގެ ބޭރުން ނެރެފައިވާ ސައްހަ ނޫން އަމުރެއް ކަމަށެވެ.
ތަފްސީލް - ހައި ކޯޓުގެ ހުކުމުގައި ބުނީ:
ކްރިމިނަލް ކޯޓުން އަމުރު ނެރުނީ އެ މައްސަލަގައި ފުރަތަމަ ކުރި އަމުރުގެ އެއް މަސް ފަހުން، ދައުލަތުން އެދިގެން ވަކިން
އަމުރު ނެރުމުގެ ކުރިން ޔާމީންގެ ބަހެއް ހޯދާފައި ނުވާތީ، އަމިއްލަ ދިފާއުގައި ބަސް ބުނުމުގެ ހައްގުން ޔާމީން ވަނީ މަހުރޫމް ވެފައި
ފާހަގަކޮށްލެވޭ ކަމެއް - ޔާމީން ދައުލަަތަށް 52 މިލިއަން ރުފިޔާ ދެއްކުމުގެ އަމުރުު ކްރިމިނަލް ކޯޓުން ނެރުމުގެ ކުރިން ޔާމީންގެ ބަހެއް ހޯދާފައި ނުވާ މައްސަލައިގައި ދައުލަތުން ދޭ ޖަވާބު ސާފުކުރުމަށް، ހައި ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ނިންމުމަށް ކުރިން ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ތަކުރާރުކޮށް ސުވާލުކޮށްފައިވެ އެވެ. އެކަމަކު އަމުރު ނެރުމުގެ ކުރިން ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު ނުދިން ސަބަބެއް ދައުލަތަށް ބުނެދެވިފައެއް ނުވެ އެވެ.
އެކަން މިއަދު ކުރި ހުކުމުގައި ވެސް ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގެ އަޑުއެހުންތައް ނިންމާލި ދުވަހު ފުރުސަތަކަށް އެދިވަޑައިގެން ޔާމީން ވަަނީ ދައުލަތަށް ނަގަން އަމުރުކޮށްފައިވާ 52 މިލިއަން ރުފިޔާއާ މެދު ސުވާލު އުފައްދަވައިފަ އެވެ. އެގޮތުން، ޔާމީން ވިދާޅުވެފައި ވަނީ:
52 މިލިއަނަކީ ރިޝްވަތުގެ މައްސަލައިގާ އަދި މަނީ ލޯންޑްރިންގެ މައްސަލައިގައި ވެސް "ޑިސްކަސް" ކުރެވުނު އަދަދެއް ނޫން
ރިޝްވަތުގެ މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 1 މިލިއަން ޑޮލަރު؛ އެ ފައިސާ ހުރީ އިސްލާމިކް ބޭންކުގެ އެކައުންޓެއްގައި އަދިވެސް އަތްނުލާ
1 މިލިއަން ޑޮލަރަށް އެންމެ ގިނަވެގެން ވެސް އަރާނީ ބޭންކުގެ އިންޓެރެސްޓް ރޭޓުން އިތުރުވާ އަދަދެއް
އިންޓެރެސްޓް ރޭޓު ލައިގެން ވެސް 52 މިލިއަން އަރާނެ ގޮތެއް ނޯންނާނެ
ޖަލު ހުކުމާ ހަމައަށް ވާސިލުވި އިރު ވެސް 52 މިލިއަން ރުފިޔާގެ ވާހަކައެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ