މެޑިކަލް ސްކޫލް ދަރިވަރުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލަކަށް ގޮވާލައިފި

ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި އެވެ.
އެމްއެންޔޫގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލުން، އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމާފައިވާއިރު، މި ނިންމުމާ ގުޅިގެން އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ވަގުތީ ގޮތުން ގާއިމުކޮށްފައިވާ ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލް ކުއްލި ގޮތަކަށް އެތަނުން ބަދަލުކުރުމަށް ނިންމުމާ ގުޅިގެން، ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިލް ކަންކަމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގެ ކަންބޮޑުން އެ ދަރިވަރުން ފާޅުކުރަމުންގެންދާކަން އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ތައުލީމު ހާސިލުކުރުމުގައި ބޮޑެތި ދަތިތަކާއި ހުރަސްތައް ދަރިވަރުންނަށް ކުރިމަތިވިޔަ ނުދިނުމަކީ ކަމާބެހޭ އެންމެހާ ފަރާތްތަކުން އަބަދުވެސް ސަމާލުވާންޖެހޭ ކަމެއް ކަމަށާއި އަދި ދަރިވަރުންނާ ގުޅޭ ކަންކަން އިންތިޒާމުކޮށް، ވަސީލަތްތައް ގާއިމުކޮށްދިނުން މަތިކޮށްފައިވާ ފަރާތްތަކުން އެކަންކަން މެދުކެނޑުމެއް ނެތި ކަށަވަރުކޮށްދިނުމަކީ އިންތިހާއަށް މުހިއްމު ކަމެއް ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.
ޑިމޮކްރެޓްސް އިން ވަނީ ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލުގެ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބްތަކުގެ ހިދުމަތްތަކާއި އަދި ހޮސްޕިޓަލުން ހާސިލުކުރުމަށް ކަނޑައެޅިފައިވާ އަމަލީ ތަޖުރިބާތައް ހާސިލުކުރުމަށް އެއްވެސް ދަތިކަމެއް ނާންނާނޭހެން އިންތިޒާމްތައް އަވަސް ފުރުސަތެއްގެ ތެރޭގައި ހަމަޖައްސައިދޭން ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ