މި ސަރުކާރަކީ މަސައްކަތްތެރިންގެ ހައްގުތަކަށް އެންމެ އިދިކީލަ ސަރުކާރު: މަޢުރޫފް

މިސަރުކާރަކީ މަސައްކަތް ތެރިންގެ ހައްގުތަކަށް އެންމެ ”އިދިކީލަ“ ސަރުކާރުކަމުގައި ކެންދު ދާއިރާގެ މެމްބަރު މަޢުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މައުރޫފް މިހެން ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސިޔާސީ ގޮތުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާކަމަަށް ވިދާޅުވެ، މަޖިލީހަށް އޭނާ ހުށައެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުންނެވެ.
މަޢުރޫފް ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުން މުވައްޒަފުން ނުހައްގުން ވަކިކުރަމުންދާ މައްސަލައިގައި ޤަރާރެއް ހުށައަޅާ މަޖިލީހުގައި ބަހުސްކުރަން ފެށުނީ ފަހަކަށް އައިސް މަސައްކަތްތެރިންގެ ހައްގުތަކަށް އެންމެ ”އިދިކީލަ“ އެންމެ ދެކޮޅު، މުވައްޒަފުންގެ ހައްގުތަކަށް އަރައިގަންނަ ސަރުކާރަކީ މި ސަރުކާރުކަމަށް ފެނިވަޑައިގަތުމުން ކަމަށެވެ.
”ދައުލަތުގެ ކުންފުނިތަކުން މުވައްޒަފުން ނުހައްގުން ވަކިކުރަމުންދާ މައްސަލައިގައި ޤަރާރެއް ހުށައަޅާ މަޖިލީހުގައި ބަހުސްކުރަން ފެށުނީ ނިމިދިޔަ ސަރުކާރުތަކާ ހިލާފަށް ފަހަކަށް އައިސް މަސައްކަތް ތެރިންގެ ހައްގުތަކަށް އެންމެ އިދިކީލަ އެންމެ ދެކޮޅު، މުވައްޒަފުންގެ ހައްގުތަކަށް އަރައިގަންނަ ސަރުކާރެއްގެ ގޮތުގައި ފެނުމުން،“ މަޢުރޫފް
މިގޮތުން ނަވާރަ ސަތޭކައިގެ އަހަރުތަކުގެ ކުރީކޮޅުގައި އިނގިރޭސިން އިސްތިއުމާރީ ޤައުމުތަކުގައި އަވައްޓެރި އިންޑިއާ ނުވަތަ އޭޝިއާގެ ޤައުމުތަކުގެ ރައްޔިތުން އަޅުންގެ ގޮތުގައި ގެންގުޅުނު ގޮތަށް ދިވެހި ރައްޔިތުން ގެންގުޅެމުންދާ މަންޒަރު މިހާރު މި ސަރުކާރުގެ ތެރެއިން ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވަނީ މަސައްކަތްތެރިންގެ ހައްގުތަކާ ގުޅުންހުރި ކަންތައްތައް ބެލެހެއްޓުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ ހަވާލުކުރީ ރައީސް ޑރ. މުޢިއްޒުއަށް މަސައްކަތްތެރިންގެ ހައްގުތައް އެނގިވަޑައިނުގަންނަވާތީތޯ ސުވާލުކުރައްވާފައެވެ.
”އަޅުގަނޑު ހިތަށް އަރާ ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތުން ކިޔަވާވަޑައިގެންނެވިއިރު މަސައްކަތްތެރިންގެ ހައްގުތަކާއި ކަންކަން އެނގިވަޑައިނުގަންނަވާބާވައޭ،“ މަޢުރޫފް
މިގޮތުން މަސައްކަތްތެރިންގެ ހައްގުތައް ހޯމްލޭންޑް ސެކިއުރިޓީއާ ހަވާލުކުރުމުން އެމީހުންގެ ހައްގުތައް ވަޒަންކުރަނީ ޤައުމީ ސަލާމަތައް ހުރި ނުރައްކަލެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކަންކުރާ ގޮތެއް ނޫންކަމަށާއި ދިވެހިރާއްޖެ ނޫނީ މަސައްކަތްތެރިންނަކީ ޤައުމަށް ހުރި ބޮޑު ނުރައްކަލެއްގެ ގޮތުގައި ބަލާ ޤައުމެއް މި ދުނިޔޭގައިވެސް ނޯންނާނެކަމަށް ވިދާޅުވެ އޭނާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
އޭނާ ވަނީ ހޯމްލޭންޑު ސެކިއުރިޓީގެ ދަށަށް މަސައްކަތްތެރިންގެ ހައްގުތައް ހަވާލުކުރެވުނު ހިސާބުން މަސައްކަތްތެރިންގެ ހައްގުތައް ”އޮބަހެއްޓުން“ އިންތިހާއަށް އިތުރުވެފައިވާކަމަށްވެސް ވިދާޅުވެފައެވެ.
މި ސަރުކާރު ވެރިކަމަށް އައީ މަސައްކަތްތެރިންގެ ހައްގުގައި އެތަކެއް ވާހަކައެއް ދައްކާ ރައްޔިތުންނަށް ހުވަފެންތަކެއް ދައްކައިގެންކަމަށް މަޢުރޫފް ވިދާޅުވިއެވެ. މިގޮތުން ރިސޯޓް މުވައްޒަފުންނަށް ކޮންމެ ތިން ހަފްތާއަކުން ޗުއްޓީއެއް ދެއްވާނެކަމަށާއި، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ރިސޯޓެއް ކައިރީގައި ހައުސިންގ ފެސިލިޓީއެއް ޤާއިމްކޮށްދެއްވާނެކަމަށާއި، ތަޢުލީމީ ދާއިރާ އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އޯޓީގެ ސީލިންގ ކަނޑާދެއްވާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާކަމަށާއި އެހެންނަމަވެސް އެމަނިކުފާނު އެހެން ކަންތައް ނުކުރައްވާކަމަށް މަޢުރޫފް ވިދާޅުވިއެވެ.
އޭގެ ބަދަލުގައި މި ސަރުކާރުން ގެންދަނީ މަސައްކަތްތެރިން އޮބަހައްޓާ އެމީހުންގެ ހައްގުތައް ނިގުޅައިގަންނަމުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ