ތޮއްޖެހިފައިވާ މާލޭގައި ގަސްތައް ނުކަނޑަންވީ ކީއްވެ؟

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސިޓީތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ވެރިރަށް މާލެއަށް، ތިމާވެށީގެ ކާރިސާއަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ދެ އަކަކިލޯމީޓަރުގެ ކުޑަ ރަށެއްގައި 200،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، މާލެއަކީ ވަށައިގެން ކަނޑު އޮތް އެކަހެރި ރަށެކެވެ.
މިފަދަ ތޮއްޖެހިފައިވާ މާހައުލެއްގައި، ގަސްގަހާގެހި ހިމެނޭ ފެހި ސަރަހައްދުތައް ދެމެހެއްޓުމަކީ ހަމައެކަނި ރީތިކަމަށްޓަކައި ކުރާ ކަމެއް ނޫނެވެ. އެއީ ތިމާވެށި ދެމެހެއްޓުމާއި އިންސާނުންގެ ދިރިހުރުމަށް ކޮންމެހެން ބޭނުންތެރި އަސާސެއް ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން އިންޒާރުދެ އެވެ.
ތިމާވެށީގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، މާލޭގައި ބާކީ ހުރި ގަސްތައް ކަނޑަމުންދިއުމަކީ ތިމާވެށި ހަލާކުވުން އަވަސްވެ، މޫސުމީ ބަދަލުތަކުގެ ނުރައްކާ އިތުރުވެ، އާންމު ސިއްހަތަށް އޮތް ބޮޑު ބިރެކެވެ.
އެންމެ ބޮޑު އެއް މައްސަލައަކީ މާލެއަށް ކުރިމަތިވެފައިވާ "އާބަން ހީޓް އައިލެންޑް" އިފެކްޓް ނުވަތަ ރަށް ހޫނުވުމުގެ މައްސަލަ އެވެ. ގަސްތަކުގެ ހިޔަލާއި ފިނިކަން ގެއްލުމުގެ ސަބަބުން، މާލޭގެ ކޮންކްރީޓް އިމާރާތްތަކާއި ތާރު މަގުތަކުން އިރުގެ ގަދަ ހޫނު އަތުލައިގަނެ ރައްކާކުރެ އެވެ.
މޫސުމާ ބެހޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މީގެ ސަބަބުން ރަށުގެ މަތީ ފަށަލައިގެ ހޫނުމިން އިންތިހާއަށް މައްޗަށް ގޮސް، ހޫނުގަދަވުމުގެ ސަބަބުން ވަރުބަލިވުމާއި ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. އަދި ހޫނުން ސަލާމަތްވުމަށް އެއާކޮންޑިޝަން ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، ގޭބިސީތަކުގެ ކަރަންޓު ބިލުތައް ވެސް އިންތިހާއަށް ބޮޑުވެގެންދެ އެވެ.
މީގެ އިތުރުން، މާލޭގެ ގަސްތައް މަދުވުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތަކުން ރައްކާތެރިވުމަށް އޮތް ގުދުރަތީ ގާބިލުކަން ދަނީ ނެތެމުންނެވެ. މާލެ ސިޓީ ކައުންސިލާއި، އެސްކެޕް އަދި އައިސީއެލްއީއައި ގުޅިގެން ނެރުނު ދިރާސާއެއްގައި އިންޒާރު ދީފައިވާ ގޮތުގައި، ކަނޑުގެ ލެވެލް މައްޗަށް ދިއުމާއި ވާރޭ ވެހޭ މިންވަރު އިތުރުވުމުގެ ސަބަބުން، މާލޭގެ 95 އިންސައްތަ ސަރަހައްދުގައި ފެންބޮޑުވުމުގެ ނުރައްކާ އެބަ އޮތެވެ.
އެންވަރަމަންޓަލް އިންޖިނިއަރުން ބަޔާންކުރާ ގޮތުގައި، ގަސްތަކަކީ ފެން ހިންދުމުގައި މުހިންމު ދައުރެއް އަދާކުރާ ވަސީލަތެކެވެ. ގަސްތަކުގެ ބޮޑެތި މޫތަކުގެ ސަބަބުން ރަށުގެ ފަސްގަނޑު ހިފަހައްޓައިދީ، ފަސްގަނޑުގެ ތެރެއަށް ފެން ހިންދުމަށް އެހީތެރިވެދީ، އެތައް ހާސް ލީޓަރެއްގެ ވާރޭފެން ދަމައިގަނެ އެވެ.
މި ގަސްތައް ނެތިދިއުމުން މާލެ ބަރޯސާވާން ޖެހެނީ ބާވެފައިވާ އިންޖިނިއަރިން ނިޒާމުތަކަށެވެ. ބޯކޮށް ވާރޭވެހޭ ހާލަތްތަކުގައި މި ނިޒާމުތަކަށް ނުކަތައި، މަގުތަކުގައި ފެންބޮޑުވެ، ގެދޮރަށް ގެއްލުންވެ އެވެ.
ގަސްތައް ނެތިދިއުމަކީ އާންމުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ސިއްހަތަށް ވެސް ނޭދެވޭ އަސަރުކުރާ ކަމެކެވެ. އުސް އިމާރާތްތަކުގެ މެދުގައި ތޮއްޖެހިފައި ތިބޭއިރު، ގުދުރަތީ މާހައުލެއްގެ އިހުސާސް ކުރެވޭނެ އެއްވެސް ފުރުސަތެއް ރައްޔިތުންނަކަށް ނެތެވެ.
ގަސްތަކަކީ އުޅަނދުފަހަރުގެ ސަބަބުން ވައިގެ ތެރެއަށް ދޫކުރާ ވިހަ މާއްދާތައް ސާފުކޮށްދޭ ވަސީލަތެކެވެ. މިއީ ވައި ނުސާފުވުމުގެ މައްސަލައާ ދެކޮޅަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ "ބްރީތު ލައިފް" ކެމްޕޭނުގައި ބައިވެރިވެފައިވާ ސިޓީއަކަށް ނުހަނު ބޭނުންތެރި ކަމެކެވެ.
މިފަދަ ގިނަގުނަ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ކަމަށް ބުނެ، ފެހިކަން އިތުރުކުރުމުގެ މަގްސަދުގައި ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫއެއް ދަނީ ހިންގަމުންނެވެ. އެހެން ނަމަވެސް ހިތާމައަކީ، ތަރައްގީގެ ނަމުގައި، މާލޭގައި މިހާރު ހުރި ބޮޑެތި ޒަމާންވީ ގަސްތައް ކެނޑުމުގެ ސަގާފަތެއް އަށަގެންފައިވުމެވެ.
މާލެއަކީ ދިރިއުޅެން އެކަށީގެންވާ، މޫސުމީ ބަދަލުތަކަށް ކެތްކުރެވޭނެ ތަނަކަށް ހެދުމަށްޓަކައި މިހާރު ހުރި ގަސްތައް ހިމާޔަތްކުރުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަޖުބޫރު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ