މުވައްޒަފުން ބޭރުގައި އުޅުނު ވަގުތު އޮފީހުގައި ހަމަކުރަންޖެހޭނެ: ސީއެސްސީ

ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް ދިމާވާ ކަމެއްގެ ސަބަބުން ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭ ހާލަތެއްގައި 30 މިނެޓުގެ ބަފަ ޓައިމެއް ލިބޭ ގޮތަށް މި ފަހުން ހަމަޖެއްސި ނަމަވެސް މިހާރު އޮންނަ ގޮތުން ގެއަށް ދެވޭނީ ބޭރުގައި އުޅުނު އޮފީހުގައި ވަގުތަށް ހަމަކުރުމަށް ފަހު ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު މުޖުތާޒު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުޖުތާޒު ވިދާޅުވީ ބޭނުންވަނީ މާބޮޑު ހިފެހެއްޓުމެއް ނެތި، އުފާވެރިކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ސިވިލް ސާވަންޓުންނަށް ގާއިމްކޮށްދިނުން ކަމަށެވެ. 
ބަފަ ޓައިމެއް ކަނޑައެޅީ އެގޮތުގެ މަތިންކަން ފާހަގަކުރައްވަމުން މުޖުތާޒު ވިދާޅުވީ ބަފަ ޓައިމަކީ، ސިވިލް ސާވަންޓުންނަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކަށް، އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓު ކުރުމަށް ދޭ ވަގުތެއް ކަމަށެވެ. 
"މުވައްޒަފުން ވެސް ހަމަ ސުންގަޑި އަށް އައުމުގެ ބަދަލުގައި ތަންކޮޅެއް ރިލެކްސް ޓައިމެއް މިހާރު މިވަނީ ދެވިފައި ބަފަ ޓައިމެއް ލާފައި. އޭގައި ޓްރެފިކާއި ސްކޫލަށް ކުދިން ގެންދިއުމާއި މި ހުރިހާ ކަމަކަށް ބަލާފައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ މި ބަފަ ޓައިމުގެ ސަބަބުން،" ސީއެސްސީގެ ރައީސް ވިދާޅުވި އެވެ.
މުޖުތާޒު ވިދްޅުވި ގޮތުގައި ބަފަ ޓައިމަކީ މާބޮޑު ކަމަކަށް ބައެއް ސިޔާސީ ފަރާތްތްތަކުން ހެދިޔަސް އޭގެ ސަބަބުން މުވައްޒަފުންނާއި އިދާރާތަކަށް ވެސް ބޮޑު ލުޔެއް ލިބޭނެ އެވެ. 
އޭގެ ތަފްސީލު ދެއްވަމުން މުޖުތާޒު ވިދާޅުވީ މިހާތަނަށް އަމަލު ކުރަމުން އައި ގޮތުން ރަސްމީ ގަޑި ފެށެނީ ހެނދުނު އަށެއް ޖަހާއިރު ކަމަށް ވިޔަސް އެއް މިނެޓު ލަސްވިޔަސް އެ ވާނީ ގަޑި ޖެހުން ކަމަށާއި އެހެންވެ، ގަޑި ޖެހުމުން ފައިސާ ކަނޑާނެ ކަމަށެވެ. 
"މިސާލަކަށް 8 ޖަހާއިރަށް އަންނަން އޮންނައިރުގައި 8:01 ގައި އަޔަސް ގަޑި ޖެހޭ،" މިހާތަނަށް ކުރަމުންދިޔަ ތަޖުރިބާ އަށް ރިއާޔަތް ކުރައްވަމުން މުޖުތާޒު ވިދާޅުވި އެވެ.
އަނެއްކަމެއްގެ ގޮތުގައި މުޖުތާޒު ފާހަގަކުރެއްވީ ބައެއް މުވައްޒަފުން ރޭގަނޑު ވެސް އޮފީހުގެ މުހިއްމު މަސައްކަތްތަކުގައި އުޅުމަށް ފަހު، އަނެއް ދުވަހުގެ ހެނދުނު ގަޑިއަށް ނުހޭލެވުމުގެ ސަބަބުން ސަލާން ބުނާ މައްސަލަ އެވެ. 
އޮފީހަށް ސަލާން ބުނަން ޖެހެނީ ބަލިވެގެން ކަމަށް ވިޔަސް ބައެއް މުވައްޒަފުން ސަލާން ބުނަނީ ނުހޭލެވިގެންނާއި އެކި ކަންކަން ކުރުމަށް ކަމަށް މުޖުތާޒު ވިދާޅުވި އެވެ. 
"ނޫނީ 8:05 ގައި މި ހޭލެވުނީ އޭނާ ކުރީ ރޭގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައި އޮތުމުން ނިދާ ނުހޭލެވިގެން. އޮފީހުގެ މަސައްކަތެއް. އެހެންވެއްޖެ ކަމަށްވާ ނަމަ، ގިނަ މުވައްޒަފުން ނުހޭލެވުނީމަ ވެސް މި ބުނަނީ ސަލާން. ސަލާމަކީ ބަލިވެގެން ބުނަން ޖެހޭ އެއްޗެއް. އެކަމަކު މުވައްޒަފުން މި އަމަލުކުރާ ގޮތަކީ ނުހޭލެވުނީމަ ވެސް މިބުނަނީ ސަލާން،" އޭނާ ވިދާޅުވި އެވެ.
"ނުހޭލެވުނީމަ ގަޑީ ލާރި ކެނޑުމާއި މި ހުރިހާ ކަމަކާ އިސްލާހީ ފިޔަވަޅު އެޅުމާއި މިހުރިހާ ކަމަކަށް ބަލާފައި މި މުވައްޒަފުން އެންމެ ފަސޭހަ ޗޮއިސް މި ނަގަނީ. އެއީ ސަލާން ބުނުން،" 
އެކަމަކު، ބަފަ ޓައިމުގެ ސަބަބުން ރަސްމީ ގަޑި ފެށެން ކައިރިވެފައި އޮއްވާ ހޭލެވުނަސް ގަޑި ނުޖެހި އޮފީހަށް ދިއުމުގެ ފުރުސަތު ފަހިވާ ކަމަށް ވިދާޅުވި އެވެ. 
"އެހެންވެ 8:05 ގައި ހޭލެވުނަސް އެ މީހުންނަށް 8:30 އާ ހަމައަށް އައުމުގެ ފުރުސަތު އެބަ ލިބޭ. އެއީ ތަނަށް ވެސް އޮފީހަށް ވެސް ލިބޭނެ ފަސޭހައެއް. އޭނާ އޮފީހަށް ވެސް އެބަ އާދޭ. އޮފީހުގެ މަސައްކަތްތައް ވެސް އެބަ ކުރެވޭ،" 
އެފަދަ ލުޔެއް ދިން ނަމަވެސް އެ މުވައްޒަފަކު މަސައްކަތް ކުރަންޖެހެނީ އެމީހަކު އޮފީހަށް ދާ ވަގުތުން ފެށިގެން ހަ ގަޑިއިރު ހަމަވަންދެންނެވެ. 
މުޖްތާޒު ވިދާޅުވީ ބަފަ ޓައިމް އުސޫލަށް ފެތޭ ގޮތަށް އޮފީހަށް 8:10 ގައި މުވައްޒަފު ހާޒިރުވެއްޖެ ނަމަ އޮފީހުގެ މަސައްކަތްތައް އެ މުވައްޒަފަށް ނިމޭނީ މެންދުރު 2:10 ގައި ކަމަށާއި ހެނދުނު 8:30 ގައި އޮފީހަށް ދިޔަ ނަމަ އެ ދުވަހެއްގައި މަސައްކަތް ނިމޭނީ 2:30 ގައި ކަމަށެވެ. 
"ރަސްމީ ގަޑިއަކީ ހެނދުނު 8 ޖަހާއިރު. އޭނާ 8:30 އަށް އޮފީހަށް އައިސްފި ނަމަ އެ ގަޑި އޭނާ ފަހުން ހަމަކުރަންޖެހޭނެ. އެއީ ބައިގަޑިއިރު. މާނައަކީ 8:10 ގައި އޭނާ އައިސްފި ނަަމަ އޭނާ އޮފީސް ނިމޭނީ މެންދުރު 2:10 ގައޭ. ފަހުން ވެސް އެ ވަގުތު ހަމަކުރަންޖެހޭނެއޭ،" މުޖުތާޒު ވިދާޅުވި އެވެ. 
ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން  ބަފަ ޓައިމްގެ ގޮތުގައި ލިބޭ 30 މިނިޓުގެ ފަހުން އޮފީހަށް ހާޒިރުވާ ނަމަ ބަލާނީ ގަޑި ޖެހުނު ކަމަށެވެ. 
ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން މި އުސޫލުން އިސްތިސްނާވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އޮފީސް ހުޅުވައި ލެއްޕުމުގެ އުސޫލުގެ ދަށުން މަސްއޫލިއްޔަތު ހަވާލުކޮށްފައި ތިބޭ މުވައްޒަފުންނާއި ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރަންޖެހޭ މުވައްޒަފުންނާއި މިސްކިތު މުވައްޒަފުންގެ އިތުރުން އާންމުންނަށް ސީދާ ގޮތެއްގައި އޮފީހުގެ ރަސްމީ ގަޑިއާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނެވެ. 
The most trusted news source in the Maldives
މުވައްޒަފެއްގެ މަގާމުގެ ގޮތުން އިސްތިސްނާ ކުރަންޖެހޭ މުވައްޒަފުން މި އުސޫލުން އިސްތިސްނާ ކުރާނީ އެ އިދާރާއަކުން ސީއެސްސީ އަށް ހުށަހަޅައި، އެ ކޮމިޝަނުން ކަމަށް ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ