ގަދަ ނުވާ ވަރަށް ބަލިވުމުން ޕެންޝަން ފައިސާ ނެގޭ ގޮތަށް ފާސްކޮށްފި

ބަލީގެ ހާލަތު ހުރި ގޮތުން އަހަރަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެކަމުގެ އުއްމީދެއް ނެތް މީހުންނަށް، އެ މީހުންގެ ޕެންޝަން އެކައުންޓުގައި ހުރި ފައިސާ އެއް ފަހަރާ ނެގޭ ގޮތަށް ޕެންޝަންގެ ގާނޫނަށް ގެނައި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ފާސްކުރަން ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ފެނިވަޑައިނުގަންނަވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ. ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން، ރިޓަޔާމެންޓް ޕެންޝަން އެކައުންޓްގައި ހުންނަ ފައިސާ އާންމު ގޮތެއްގައި ނެގޭނީ އުމުރުން 65 އަހަރުވުމުން ކަމަށްވީ ނަމަވެސް، "ޓާމިނަލް އިލްނަސް" ނުވަތަ ފަރުވާ ދިން ކަމުގައި ވިޔަސް އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތްތަކުގައި އެ ފައިސާ ނެގޭނެއެވެ. https://sun.mv/216259 މިފަދަ ހާލަތެއްގައިވާ މީހަކު ބޭނުންވާ ވަކި އަދަދެއް ނުވަތަ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް އެކި ފަހަރުމަތިން ނުވަތަ އެއްފަހަރާ ވެސް ދޫކުރުމުގެ ފުރުސަތު މި އިސްލާހުގެ ދަށުން ލިބޭނެއެވެ. މީގެ އިތުރުން، ޕެންޝަން ފަންޑުގައިވާ ފައިސާއިން ގެދޮރު ގަތުމުގެ އިތުރުން، ގެދޮރު އިމާރާތް ކުރުމާއި މަރާމާތު ކުރުމަށް ދައްކަންޖެހޭ ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ފައިސާ ކޮލެޓްރަލައިޒް ކުރެވޭ ގޮތަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. މީގެ ކުރިން އޮންނަ ގޮތުން މި ފައިސާ ކޮލެޓްރަލައިޒް ކުރެވެނީ ހަމައެކަނި އިމާރާތްކޮށް ނިންމާފައިވާ ފްލެޓްތައް ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށެވެ. މި އިސްލާހުތަކުގެ ސަބަބުން ޕެންޝަން ނިޒާމުގެ ތެރެއިން އާންމުންނަށް ލިބޭ ލުއިފަސޭހަތައް އިތުރުވެ، ހާއްސަކޮށް ސިއްހީ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް މާލީ އެހީތެރިކަން އަވަހަށް ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ